ނަޑެއްލާގެ ފަޅުތެރޭގައި މިދިޔަ ބުރާސްފަތި ދުވަހު ތާށިވި ކޯމަސްތަކުގެ ތެރެއިން މިހާތަނަށް 22 ކޯމަސް ސަލާމަތްކޮށް ކަނޑަށް ދޫކޮށްލައިފި އެވެ.

ނަޑެއްލާ ކައުންސިލުގެ ރައީސް ފައިސްލަ ނަޖީބު މިއަދު 'ސަން' އަށް ވިދާޅުވީ އެ ރަށު ފަޅުތެރޭގައި ތާށިވި ކޯމަސްތަކުގެ ތެރެއިން 22 ކޯމަސް މިހާރު ކަނޑަށް ދޫކޮށްފައިވާ ކަމަށާއި އަދި 12 މަސް މަރުވެފައިވާ ކަމަށެވެ.

"ދޫކޮށްލި ކޯމަސްތައް ވެސް ކޮންމެސް ވަރަކަށް ވަރުބަލިވެފައި ތިބީ. އެއީ ކޯމަސްތަކަށް އެކަށީގެންނުވާ ކުޑަ ޖާގައެއްގައި ތިބެންޖެހުމުން ތެޅި ތެޅި ވީކަމެއް،" ފައިސަލް ވިދާޅުވި އެވެ.

ނަޑެއްލާގެ ފަޅުގައި ތާށިވި ކޯމަސްތަކުގެ ތެރެއިން ދެ ކޯމަސް އެ ދުވަހު ހިފައި ދޫކޮށްލާފައިވާ އިރު އިއްޔެ ވަނީ 16 ކޯމަސް ހިފައި ދޫކޮށްލައިފަ އެވެ. އަދި މިއަދު ހަތަރު ކޯމަސް ހިފުމަށް ފަހު ކަނޑަށް ދޫކޮށްލާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި މަރުވި 12 ކޯމަސް މިހާރު އެ ރަށު އަތިރިމަތީގައި ވަޅުގަނޑެއް ކޮނެ ވަޅުލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އަދިވެސް ބާކީ ކޮންމެސް ވަރަކަށް ކޯމަސް ފަޅުތެރޭގައި ތާށިވެފައި އެބަތިބި ކަމަށާއި މިއަދު އެ މަސްތައް ވެސް ދޫކޮށްލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ކޯމަސް ހިފުމުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑާއި ނަޑެއްލާ ޒުވާނުން އަދި ކައުންސިލުން ދަނީ ހަރަކާތްތެރި ވަމުންނެވެ.