ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މަޑުއްވަރީގައި ގާއިމްކުރާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފައްޓައިފި އެވެ.

މަޑުއްވަރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހީމާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު އާއި މަޑުއްވަރި ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި އެމްޑަބްލިއުއެސްސީގެ އިސް ވެރިންގެ އިތުރުން ރ. އަތޮޅު ކައުންސިލާއި މީދޫ ކައުންސިލްގެ އިސްވެރިންނެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދަނީ މާލޭ ވޯޓާ ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ. އެ މަޝްރޫގެ ދަށުން މަޑުއްވަރީގައި ނަރުދަމާ ހޮޅި އެޅުމާއި ސުވޭޖް ޕަމްޕް ސްޓޭޝަންތައް ބަހައްޓައި އައުޓްފޯލް ސިސްޓަމްއެއް ގާއިމްކުރާނެ އެވެ. ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 49.9 މިލިއަން ދިވެހި ރުފިޔާ އެވެ.

މަޑުއްވަރީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތައް ފުރިހަމަައަށް ފޯރުކޮށް ދިނުމުގައި ސަރުކާރުން އަބަދު ވެސް ދެމިތިބޭނެ ކަމަށާއި މިއަދު މަޑުއްވަރީގައި ރަސްމީކޮށް ފެށިގެންދާ ނަރުދަމާގެ މަސައްކަތަކީ އޭގެ ހެއްކެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހަމައެކަނި ޕްރޮޖެކްޓްތައް ގާއިމްކުރެވުމުން ނުނިމޭނެ ކަމަށާއި އެފަދަ މަސައްކަތްތަކަކީ ބޮޑު ޚަރަދެއް ކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ކަމުން އެފަދަ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމުގައި ރަށްރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ވެސް ބޭނުންވާނެ ކަމަށެވެ.

މަޑުއްވަރީ ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން، މަޑުއްވަރީ ނަރުދަމާގެ މަސައްކަތާ ހަވާލުވެފައިވާ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ މަޑުއްވަރީގައި ގާއިމްކުރާ ނަރުދަމާގެ މަސައްކަތް މިހާރު ކޮންމެވެސް ވަރަކަށް ކުރެވެމުންދާ އިރު އިތުރު ރަށްރަށުގަައި ވެސް ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރިއަށްގެންދާ ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ފަޒުލް ވިދާޅުވީ މަސައްކަތް ކުރިއަށްދާ އިރު ރަށުގެ ރައްޔިތުންނަށް އެކިކަހަލަ "ހިތް ނުތަނަވަސްކަން" ކުރިމަތިވެދާނެ ކަމަށާއި ނަމަވެސް އެކަންކަމުގައި މިނިސްޓްރީ އަށް އެއްބާރުލުން ދެއްވައިގެން ކުރިއަށް ގެންދިއުމަށް އެދިލައްވާ ކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީ އިން ވަނީ މި ހަފްތާތެރޭގައި ހއ. ތުރާކުނާއި، ށ. ކަނޑިތީމުގެ އިތުރުން ރ. މީދޫގައި ވެސް ނަރުދަމާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފައްޓައިފަ އެވެ. އަދި އިތުރު ރަށްތަކެއްގައި ވެސް އެ މިނިސްޓްރީ އިން ދަނީ އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރަމުންނެވެ.