07 Feb 2015, 11:16
އިއްޔެ ކ. އަތޮޅުގެ ވެރިކަން ކުރާ ރަށް ތުލުސްދޫގައި އެ ރަށުގެ ޒުވާނުންގެ ޓީމަކާ ދެކޮޅަށް ކުޅުނު ރަހުމަތްތެރި ކަމުގެ މެޗެއް ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފިއެވެ.
އިއްޔެ ހަވީރު ތުލުސްދޫގެ ފުޓުބޯޅަ ދަނޑުގައި ކުޅުނު އެ މެޗު ނިއުރޭޑިއެންޓް ކާމިޔާބު ކުރީ 13-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ނިއުގެ ހުނަރުވެރި މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ތުލުސްދޫ ކޮޅަށް ފަސް ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ހަމްޕުގެ އިތުރުން އެ ޓީމްގެ އެންމެ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ސުހައިލް (ބްނބުޗި) އާއި މުހައްމަދު ސާމިރު އަދި އިޝާމް ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބު ކުރިއިރު، އެ ޓީމްގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އާއި މިޑްފީލްޑަރު އަކްރަމް އަބްދުލް ޣަނީ (އަކޫ) ކޮންމެ ކުޅުންތެރިއަކު ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ.
ނިއުގެ ކުޅުންތެރިންގެ އިތުރުން ކޯޗިންގް ސްޓާފާއި މެނޭޖްމަންޓުގެ ބައެއް ބޭފުޅުންވެސް ތުލުސްދޫއަށް ކުރި އެ ދަތުރުގައި އެ ރަށުން އެ ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ނިމިގެން ދިޔަ ޕީޕަލްސް ކަޕް ތާވަލްގެ އެންމެ ފުލުގައި އޮވެ ނިއު ނިންމާލިއިރު، އެ ޓީމްގެ މެނޭޖްމަންޓުން ވަނީ އެ މުބާރާތުގައި ރަނގަޅު ކުޅުމެއް އެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ގޮސްފައި ނުވާކަމަށް ބުނެ ޓީމަށް ގެނައި ބްރެޒިލްގެ ދެ ފޯވާޑް ރަފީނިއާ އާއި ސަންތޯސް ދޫކޮށްލާފައެވެ.
އެ ކުޅުންތެރިންގެ އިތުރުން އެ ޓީމްގެ ކެޕްޓަންކަމާއި މިދިޔަ މަހު ހަވާލުވި މުހައްމަދު އުމެއިރުވެސް މިދިޔަ ހަފްތާގައި އެ ކްލަބް ދޫކޮށްލާފައި ވާއިރު، އޭނާ ވަނީ މިހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ގުޅިފައެވެ. އަދި އިއްޔެގެ ވަގުތެއްގައި ރަފީނިއާ ވަނީ ޓީސީ ސްޕޯޓްސްއާ ގުޅިފައެވެ.
މިއަހަރުގެ ފުރަތަމަ މުބާރާތް، ޕީޕަލްސް ކަޕްގައި ނިއުއަށް ރަނގަޅު ނަތީޖާތަޖެއް ހޯދިފައި ނުވިއަސް، އެ ޓީމް ވަނީ މިދިޔަ އަހަރު ލީގު މިލްކު ކުރުމުގެ އިތުރުން، 35 އަހަރުގެ މަސައްކަތަށްފަހު ގައުމީ މުބާރާތުގެ ތަށިވެސް މިލްކުކޮށްފައެވެ.