11 Feb 2011, 21:06
ޤާހިރާ : މިސްރުގެ ރައީސް ޙުސްނީ މުބާރަކް ވެރިކަން ދޫކޮށްލެއްވުމަށްފަހު ޢާއިލާއާއެކު މިސްރުގެ ރެސޯޓް ރަށެއް ކަމަށްވާ ޝަރްމުއްޝައިޚަށް ވަޑައިގެންނެވި ކަމަށް ޚަބަރުލިބިއްޖެއެވެ. މިސްރުގެ ވަރަށް ގިނަފަރާތްތަކަކުންވަނީ މުބާރަކް ޝަރްމުއްޝައިޚަށް ވަޑައިގެންނެވިކަން ކަށަވަރުކޮށްދީފައެވެ.
ރައީސް މުބާރަކް ދާދިދެންމެއަކު މަޤާމުން އިސްތިއުފާދެއްވުމަށްފަހު ވެރިކަމުގެ ބާރުތައްވަނީ ސިފައިންގެ އެންމެ މަތީ މަޖިލީހާ ޙަވާލުކުރައްވާފައެވެ. މިކަން އިޢްލާން ކުރެއްވީ ނައިބު ރައީސް ޢުމަރު ސުލައިމާނެވެ. ވެރިކަމުގެ ބާރުތައް ސިފައިންގެ އެންމެ މަތީ މަޖިލީހާ ޙަވާލުކުރެއްވި ނަމަވެސް މިސްރުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ.
މިސްރުގެ ވެރިކަން ސިފައިންގެ އެންމެ މަތީ މަޖިލީހާ ޙަވާލުކުރެވުމާގުޅިގެން އެމަޖިލީހުން ނެރުނު ބަޔާނެއްގައި މިސްރުގައި މީގެ ތިރީހަކަށް އަހަރުކުރިން އިޢްލާންކޮށްފައިވާ ކުއްލި ޙާލަތު އުވާލާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފައިވެއެވެ. އަދި ރައްޔިތުން އެދޭގޮތަށް މިނިވަން އިންތިޚާބެއް ބޭއްވުމަށް މަގުފަހިކުރުމަށްޓަކައި ދަސްތޫރަށް ބަދަލު ގެނައުމުގެ ކަންތައް ކުރިޔަށް ގެންދާނެ ކަމުގެ ޔަގީންކަންވެސް ދީފައިވެއެވެ. މުބާރަކް އިސްތިއުފާދެއްވުމާ ގުޅިގެން މިސްރުގެ ކަންކޮޅުތަކުގައި ދަނީ އުފާފާޅުކުރަމުންނެވެ.
އަނެއްކޮޅުން މުބާރަކްގެ ވެރިކަން ވައްޓާލުމުގައި ރައްޔިތުންނަށް ނަސްރު ލިބުމާގުޅިގެން އަވަށްޓެރި އުރުދުންއާއި ޣައްޒާއާއި ލުބްނާނާ އަދި ތޫނިސްގައި އެތަށްހާސްބަޔަކުވެސް ދަނީ މަގުތަކަށް އެއްވެ އުފާފާޅުކުރަމުންނެވެ.
އިސްރާއީލުންވަނީ މުބާރަކްގެ ވެރިކަން ވެއްޓުމާގުޅިގެން ކަންބޮޑުވާކަން ހާމަކޮށްފައެވެ. އިސްރާއީލުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި މިސްރަށް މިއައި ބަދަލާގުޅިގެން މިސްރާއި އިސްރާއީލުގެ ސުލްޙައިގެ މުއާހަދާއަށް ބުރޫނާރާނެކަމަށް އުންމީދުކުރާ ކަމަށް ބުނެފައިވެއެވެ. -- ބީ.ބީ.ސީ