ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުން އައި ވަރަށް ބޮޑަށް ހިފެހެއްޓިފައި އޮތް ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމުގައި، އެންމެ ބޮޑު ހިއްސާއެއް އަދާކުރީ ރާއްޖޭގެ ޒުވާނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


"ޔޫތު ޗެލެންޖް 2010" އިފްތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ދަރުބާރުގޭގައި މިއަދު ހެނދުނު ވާހަކަފުޅު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޒުވާނުން ގައުމަށް އެ ބަދަލުގެނައީ، ކޮންމެހެން އެމަނިކުފާނު ވެރިކަމަށް ގެންނަން ނޫން ކަމަށެވެ. އަދި އެ ބަދަލު ގެނައީ އެމީހުންނަށް ފެންނަ ފެނުމަށާއި، އެމީހުންގެ އުންމީދުތަކަށާއި މަންޒަރުތަކަށް ޙަޤީޤީ ސިފަ ހޯދުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން ޒުވާނުންގެ އަޑު ނާހައި ދޫކޮށްލައިގެންނުވާނެ ކަމަށާއި، އެމީހުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް ކުރެވެން ހުރި ކަންތައްތައް ހުއްޓާލައިގެން ނުވާނެ ކަމަށާއި، އެމީހުންގެ އުއްމީދުތައް ފަނުފުލުންދާނެ އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް މި ސަރުކާރުން ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސްގެ ވާހަކަފުޅުގައި ޒުވާނުން އަތްއުރައިނުލުމަށާއި، ޒުވާނުން ނުކުމެ އެމީހުން ހޯދި ޖާގަ ފުރުމަށާއި ރާއްޖެ ބިނާކުރުމަށް އިލްތިމާސްކުރެއްވި އެވެ.


ރައީސް ނަޝީދު އަދި ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ ގިނަ ދަތިތަކާއި އުނދަގޫތަކުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ އެއް ބަޔަކީ ޒުވާނުން ކަމަށެވެ. އަދި ރާއްޖެއަށް ލިބުނު ކާމިޔާބީ އާއި ކުރިއެރުން އެންމެ ބޮޑަށް ހިއްސާކުރާ އެއް ބަޔަކީވެސް ޒުވާނުންކަން ފާހަގަކުރައްވަމުން، ރާއްޖޭގެ އާބާދީގެ އެންމެ ބޮޑުބަޔަކީވެސް ޒުވާނުން ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ޒުވާނުންގެ 70 ޕަސެންޓް ދިރިއުޅެނީ މާލޭގައި ކަމަށާއި، މާލެއަށް ދިމާވެފައިވާ ދަތިތަކުގެ ތެރޭގައި ތޮއްޖެހުމާއި، ވަޒީފާގެ ފުރްޞަތުތައް މަދުވުމާއި، ބާރުގަދަ ޑްރަގްސްތަކުގައިޖެހިފައިވާ ޒުވާނުން ގިނަވުމާއި، ބޯހިޔާވަހިކަމުގެ ދަތިތައް ކުރިމަތިވުމާއި، މާރާމާރީ އާއި ތަޅާފޮޅުން ވަނީ އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، ޒުވާނުންނަށް ކުރިމަތިވެފައިވާ ކަންކަމަށް ލުޔެއް ހޯދާއިރު މާލޭގެ ކަންކަމާ ގުޅޭގޮތުން ފިކުރުނުކޮށް ނަތީޖާ ނެރެވިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރަށްރަށުގެ ހާލަތު ވެސް އޮތީ ހަމަ އެގޮތަށް ކަމަށާއި، މާލެ ތޮއްޖެހިފައި އޮތް އޮތުމާއި، މާލޭގެ ޙާލަތު އެހެން ގޮތަކަށް ބަދަލުކުރެވެން އޮތީ، ރަށްރަށް ތަރައްޤީ ކުރެވިގެން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.


މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރ އަލްއުސްތާޒު ހަސަން ލަތީފު ވިދާޅުވީ، މިވަގުތު ޒުވާނުންނަށް ހުރި ފުރުސަތުތައް ދެނެގަނެ ޒުވާނުންނަށް މަގުފަހިކޮށްދިނުމަކީ، ސަރުކާރުގެ ވާޖިބެއް ކަމަށެވެ. އަދި އަތޮޅުތަކުގައި އުޅޭ ޒުވާނުންނަށް ވެސް މިފަދަ ފެއާތައް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އަހަރަކު އެއްފަހަރު ކޮންމެ ޕްރޮވިންސެއްގައި މިފަދަ ފެއާތައް ބޭވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.


ހަސަން ލަތީފު އަދި ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ ފެއާ ހުޅުވާފައި ވަނީ މަސައްކަތްތެރިކަމުގެ ފުރުސަތުތަކާ ބެހޭ ކިއްސަރު ފެއާއާ އެއްކޮށްލައިގެން ކަމުން މި ފެއާއިން ވަޒީފާ އާއި ތައުލީމާއި މަސައްކަތްތެރިކަމުގެ ފުރުސަތުތައް ޒުވާނުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި މިފަހަރުގެ ފެއާއަކީ ސަރުކާރުން ހަރަދުކޮށްގެން ކުރިއަށްގެންދާ ފެއާއެއް ނޫން ކަމަށާއި، މިއީ ޓެންޑަރކޮށްގެން މިފެއާ ބޭއްވި ފުރަތަމަ ފަހަރު ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.


ޖުމްލަ 90 ސްޓޯލް ހިމެނޭ މިފެއާ ދަރުބާރުގޭގައި ކުރިއަށްދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށެވެ.