07 Feb 2015, 10:57
މި ސީޒަންގައި ނިއުރޭޑިއެންޓުގެ ސްކޮޑު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެ ކްލަބަށް ގެނައި ބްރެޒިލްގެ ފޯވާޑް ރަފައެލް (ރަފީނިއާ) އެ ކްލަބުން ދޫކޮށްލުމުން މި ސީޒަނަށް ޓީސީ ސްޕޯޓްސް ކްލަބާ ގުޅިއްޖެއެވެ.
ޓީސީން ބުނި ގޮތުގައި އޭނާ އެ ކްލަބަށް ސޮއިކުރީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ނިއުއިން އޭނާ ދޫކޮށްލިތާ 24 ގަޑިއިރުވެސް ނުވަނީސް ޓީސީއަށް އޭނާ މިހާރު ސޮއިކޮށްފައި ވާއިރު، ނިއުއިން އޭނާ ދޫކޮށްލަން ނިންމީ ނިމިގެން ދިޔަ ޕީޕަލްސް ކަޕްގައި އޭނާގެ ފަރާތުން ހިންހަމަ ޖެހޭވަރުގެ ކުޅުމެއް ފެނިގެން ގޮސްފައި ނުވާތީކަމަށް ބުނެއެވެ.
ރަފީނިއާގެ އިތުރުން ޓީސީއަށް މިފަހަރު ވަނީ ރާއްޖޭގެ އެއްވަނަ ޑިވިޝަންގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ގެންގޮސްފައެވެ. އޭގެ ތެރޭގައި ފާއިތުވި ތިން ސީޒަންގައި މާޒިޔާގެ ގޯލް ބެލެހެއްޓި ރާއްޖޭގެ ގައުމީ ޓީމްގެ ދެވަނަ ކީޕަރު މުހައްމަދު އިމްރާން ހިމެނޭ އިރު، އޭގެ އިތުރުން ބީޖީއަށް ކުޅުނު ބިދޭސީ ކުޅުންތެރިޔާ ކުދޫސް ކެލާނީވެސް ވަނީ މި ސީޒަނަށް އެ ޓީމަށް ސޮއި ކޮށްފައެވެ.
ބިދޭސީ ކުޅުންތެރިންގެ އިތުރުން ޓީސީއަށް މިފަހަރު ސޮއިކުރި ދިވެހި ކުޅުންތެރިންގެ ތެރޭގައި ބީޖީގެ މުހައްމަދު އައްޒާމް އާއި މުހައްމަދު ސަމާހުގެ އިތުރުން މާޒިޔާ އާއި ވެލެންސިޔާއިން މީގެ ކުރިން ފެނިގެން ދިޔަ އަލީ އިމްރާން އާއި ވިކްޓަރީއަށް ކުޅުނު އަހުމަދު ފައްރާހު އަދި އީގަލްސްގެ ފުރުގާން ހިމެނެއެވެ.
މިއަހަރު މުޅިން އަލަށް ރާއްޖޭގެ އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްވި ޓީސީ މި ސީޒަނަށް ޓީމް ތައްޔާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާއިރު، އެ ޓީމަށް އިރުޝާދު ދިނުމަށް މިފަހަރު ހަމަޖައްސާފައި ވާ ކޯޗަކީ މީގެ ކުރިންވެސް ރާއްޖޭގެ މަޝްހޫރު ޓީމުތަކަށް ކޯޗުކަން ކޮށްދިން ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.
މިއަހަރުގެ އެއްވަނަ ޑިވިޝަނުން ޓީސީ ޖާގަ ހޯދީ މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތް ކާމިޔާބު ކުރުމަށް ފަހު، މިދިޔަ އަހަރު ކުޅުނު ދިވެހި ލީގު ކޮލިފިކޭޝަންގައި ތާވަލްގެ ދެވަނަ ހޯދައިގެނެވެ.