އިންޑިއާގެ ވެރިރަށް ނިއުދިއްލީ ހިމެނޭ ދިއްލީ ސްޓޭޓްގެ ސަރަހައްދީ ޕާލަމެންޓް އިންތިހާބު މިއަދު ފަށައިފި އެވެ.

އިންޑިއާގެ ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެ އިންތިހާބު ވެފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އަށް އިމްތިހާނަކަށެވެ. މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ދިއްލީގެ ޗީފް މިނިސްޓަރު ކަމަށް ހޮވުމަށް ނެރެފައި ވަނީ ކުރީގެ ފުލުހެއް ކަމަށްވާ ކިރަން ބޭދީ އެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރާނެ ކަމަށް ބެލެވެނީ ދިއްލީގެ ޗީފް މިނިސްޓަރުކަމުގައި ހުރުމަށް ފަހު އިސްތިއުފާދީފައިވާ އަރުވިންދު ކެޖުރިވާލް އެވެ.

އާމްއާދުމީ ޕާޓީގެ ލީޑަރުކަން ވެސް ކުރާ ކެޖުރިވާލް އެ އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ޚިޔާލުހޯދުމުގެ ވޯޓުތަކުން ވަނީ ދައްކާފަ އެވެ.

ދިއްލީ ސްޓޭޓްގެ ވެރިކަން 15 އަހަރު ކޮށްފައިވާ އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް މިފަހަރު ދާނެ ކަމަށް ބެލެވިފައި ވަނީ ތިން ވަނަ އަށެވެ.

ބީބީސީ އިން ބުނީ އިންތިހާބުގައި ވޯޓުލާން ފަށާފައިވާ އިރު ސަލާމަތީ ކަންތައްތައް ވަރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތުން 55000 ފުލުހުން މަގުތަކަށް ނެރެފައިވާ ކަމަށް އިންޑީއާގެ އޮފިޝަލުންނާ ހަވާލާދީ އެ އެޖެންސީން ބުންޏެވެ.

ހަތްދިހަ މެމްބަރުން ތިބޭ ދިއްލީ އެސެމްބްލީގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ 1.3 މިލިޔަން މީހުން އެބަތިއްބެވެ. އެމީހުން ވޯޓުލުމަށް 12000 ވޯޓުލާ މަރުކަޒު ގާއިމްކޮށްފައިވެ އެވެ.