ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ގައުމީ ބީޗް ވޮލީބޯލް މުބާރާތުގެ އަންހެން ޓީމް އިވެންޓުގެ ޗެންޕިއަންކަން ޕޮލިސް ކްލަބް ހޯދިއިރު، މުބާރާތުގެ ފިރެހެން ޓީމް އިވެންޓުގެ ޗެންޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ހޯދައިފިއެވެ.

ރޭ ކުޅުނު އަންހެން ޓީމް އިވެންޓުގެ ފައިނަލް މެޗުގައި ޕޮލިސް ކްލަބް ބައްދަލުކުރީ ކްލަބް އިމިގްރޭޝަނާ އެވެ. އެ މެޗު ޕޮލިހުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ހޯދިއިރު، ދެވަނަ ސެޓު ކާމިޔާބު ކުރީ ކްލަބް އިމިގެރޭޝަނެވެ. ޕޮލިހުން އިވެންޓުގެ ޗެންޕިއަންކަން ހޯދީ ނަތީޖާ އެއްވަރު ވުމުން ކުޅުނު ޓައިބްރޭކަރ ކަމިޔާބު ކުރުމަށްފަހު އެވެ.

ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ފިރެހެން އިވެންޓުގެ ޗެންޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ކޮމަންޑު ޔޫތު ޑިވަލޮޕްމަންޓާ ވާދަކޮށް މެޗު ކާމިޔާބު ކޮށްގެނެވެ. އެ މެޗު ސިފައިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ޓީމް އިވެންޓް އަންހެން އަދި ފިރެހެން ޑިވިޝަނަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައި ވާއިރު، އެ މުބާރާތުގައި އަންހެން 10 ޓީމާއި ފިރެހެން 10 ޓީމް ވާދަކޮށްފައި ވެއެވެ.

ޓީމް އިވެންޓުތަކަށްފަހު މުބާރާތުގެ އޯޕަންސް އިވެންޓުތައް ފަށަން ހަމަޖެހިފައި ވަނީ މިއަދު އެވެ.