މާލެ އިން އިއްޔެ ގެ ވަގުތެއްގައި ކަރަންޓް ކެނޑިގެން ދިޔައީ އިންޖީނުތަކަށް ދިމާވި މައްސަލައަކުން ކަމަށާއި އެކަން ހައްލުކުރެވިފައިވާ ކަމަށް ސުޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ ނާޒިރު މިއަދު ސަން އަށް ވިދާޅުވީ އިއްޔެ މެންދުރާއި ރޭ ވެސް ކަރަންޓި ކެނޑެން ދިމާވީ އެއީ "ޕީކް" ގަޑިއަކަށްވެފައި އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށާއި އެކަން މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.

"އެއީ ޕީކް ގަޑިޔަށްވެފައި ނުވަ ނަމްބަރު އިންޖީނަށް ދިމާވި މައްސަލައަކުން ބޮޑު ބަޔަކުން ކަރަންޓު ކެނޑުނީ، އިރާދަކުރެއްވިއްޔާ ދެން ކަރަންޓެއް ނުކެޑޭނެ،" ނާޒިރު ވިދާޅުވި އެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުން ފެނާއި ކަރަންޓުގެ ޚިދުމަތް އިއްޔެ ގަޑިއިރެއްހާ އިރަށް މެދު ކެނޑިފައިވަނީ މެންދުރުގެ ވަގުތެއްގައެވެ. އޭރު މާލޭގެ ބޮޑު ސަރަހައްދަކުން އެހިދުމަތް މެޑުކެނޑުނެވެ. ކަރަންޓު މައްސަލަ ހައްލު ކުރެވިއްޖެ ކަމަށް ސުޓޭލްކޯއިން ބުނާއިރު ފެނަށް ދިމާވި މައްސަލާގައި އަދި ވަނީ އެމްޑަބްލިޔްއެސްސީގެ ބަހެއް ލިބޭގޮތް ނުވެފައެވެ.