ދިވެހިންގެ ގިނަ ބަޔަކު ދަނީ ދުންފަތުގެ އިސްތިއުމާލް ކުރުން ފަދަ ބޭކާރު ކަންކަމަށް ގިނަ އަދަދެއްގެ ފައިސާ އިސްރާފުކުރަމުން ކަމަށް ވިދާޅުވެ، އައް ޝައިޚު އަހުމަދު ސަމީރު އިބުރާހީމް ދިވެހިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

"މުސްލިމް ޝަޚުސިއްޔަތު"ގެ ނަމުގައި ވިލިމާލޭ ބޯޅަދަނޑުގައި ރޭ ކުރެއްވި ތަގުރީރުގައި ޝައިޚު ވިދާޅުވީ އިސްރާފު ކުރުމަކީ މުސްލިމް ޝަޚުސިއްޔަތެއްގައި ހުންނަންވާނެ ސިފައެއް ނޫން ކަމަށެވެ. ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ދަލީލު ދައްކަވަމުން ޝައިޚު ވިދާޅުވީ މުސްލިމުން ވާން ޖެހޭނީ ހަރަދުކުރުމުގައި މެދުމިން ބަޔަކަށް ކަމަށެވެ.

"...މިއަދު އަޅުގަނޑުމެން އެއްވެސް މީހެއްގެ އަތުގައި ރުފިޔާއެއް ނުހުރޭ. ހުރިހާ މީހުން ވެސް ކުރާ ޝަކުވާއަކީ ވަރަށް ދައްޗޭ، މުސާރައަކުން ނުފުދޭ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ރެސްޓޯރެންޓްތަކަށް ދިޔައިމާ ރެސްޓޯރެންޓްތައް އޮންނަނީ ފުރިފައި. ކޮފީއަށް ދާއިރު ކޮފީ ބޯ ތަންތަން އޮންނީ ފުރިފައި. ކޮފީތަށްޓެއް ބޮއެގެން ނުކުންނަ އިރުގައި 200، 300 ރުފިޔާ އަތުންދޭ. އެއީ އެންމެ ރެއެއްނޫން، އެންމެ ދުވަހެއް ނޫން. އެތައް ހާސް ރުފިޔާއެއް އަޅުގަނޑުމެން ، ކޮފީއަށް، ސަޔަށް، ސިނގިރޭޓަށް ، އަޅުގަނޑުމެން ދަންނަވާ ވާހަކައެއް މީ މިއަދު އަޅުގަނޑުމެންގެ ބައެއް މީހުންނަށް ލިބޭ މުސާރަ، ބައެއް މީހުންނަށް ލިބޭ އާމްދަނީ ހޭދަކުރަމުންދަނީ ގޭހަށާއި ދުމަށޭ. ރުފިޔާތައް ބުރުވަމުން ދަނީ ގޭހަށް ދުމަށް، ގޭސް އެއްޗެހި ބޮއެގެން ދުން ބުރުވުން،" ޝައިޚު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ސިނގިރޭޓްބުއިމަކީ އިސްރާފެއް ކަމަށާއި އެކަމަށް އެންމެން އިއްތިފާގުވާ ކަމަށެވެ. އަދި ވިދާޅުވީ އެއީ ޝަރުއީ ގޮތުން އެއްޗެއް ހުއްދަވާ ގޮތާ ޚިލާފު އެއްޗެއް ކަމަށެވެ. އަދި ވިދާޅުވީ އެއީ ނުބައި އެއްޗެހީގެ ތެރޭގައި ޝާމިލުވާނެ އެއްޗެއް ކަމަށެވެ.

ގިނަ ބަޔަކު ވަގުތު ހޭދަކުރާ ގޮތާ މެދު ވެސް ޝައިޚު ފާޑުވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރާނެ ކަމެއް ނެތިގެން ފޫހިވެގެން އުޅުމަކީ މުސްލިމް ޝަޚުސިއްޔަތެއްގައި ހުންނާނެ ސިފައެއް ނޫން ކަމަށެވެ.