07 Feb 2015, 09:42
ވައިޓް ހައުސް (ފެބްރުއަރީ 7) : އައިއެސް އިން ވަގަށްނަގާފައިވާ އެމެރިކާގެ އަންހެނެއް ކަމަށްވާ ކެއިލާ ޖޯން މިލާ އެމެރިކާގެ ވައިގެ ޙަމަލާތަކެއްގައި މަރުވިކަމަށްބުނެ އެޖަމާއަތުން ފެތުރި ޚަބަރުތަކުގެ ސައްޙަކަން ދައްކައިދޭ ދަލީލެއް ނެތް ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.
ވައިޓް ހައުސްގައި މަސައްކަތް ކުރައްވާ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރުގެ ތަރްޖަމާން ބާނާޑިޓް މީހާން ވިދާޅުވީ އެމެރިކާ އައިއެސް ގެ އަމާޒުތަކަކަށް ދިން ވައިގެ ޙަމަލާތަކެއްގައި އެމެރިކާގެ ރަހީން މަރުވިކަމަށްބުނެ އެޖަމާއަތުން ފެތުރިޚަބަރުތައް ގަބޫލުނުކުރެވޭ ކަމަށާއި ނަމަވެސް ރަހީންގެ ސަލާމަތާ މެދު އެމެރިކާ ކަންބޮޑުވާ ކަމުގަ އެވެ. އައިއެސްއަކީ އެޖަމާއަތުން އަސީރުކުރާ މީހުން ދިރިތިއްބައި އަންދައި ވަގަށްނަގާ ރަހީނުން ކަތިލައިގެން މަރާ ހަރުކަށި ޖަމާއަތެކެވެ.
އެމެރިކާގެ ވައިގެ ޙަމަލާތަކުގައި ވެސް އައިއެސްގެ ސަތޭކައަށް ވުރެ ގިނަ ހަނގުރާމަވެރިން ފާއިތުވި ދެހަފްތާ ތެރޭގައި މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާއަކީ ވެސް ވައިގެ ހަމަލާތައްދީ ކުށެއްނެތް މީހުން މަރަމުން ގެންދާ ހަރުކަށި ގައުމެކެވެ. އެމެރިކާގެ ހަމަލާތަކުގައި މަރުވަނީ އާންމުންކަން ނޫނީ ހަނގުރާމަވެރިންކަން ބެލުމަކީ އެމެރިކާ މާބޮޑު ސަމާލުކަމެއް ދޭކަމެއްނޫނެވެ.
އައިއެސް އިން ވަނީ އެމެރިކާގެ ޙަމަލާތަކުގައި ބިމާ ހަމަވެފައިވާ އިމާރާތެއްގެ ދަށުގައި އެމެރިކާގެ ރަހީން ކެއިލާ ޖޯން މިލާ މަރުވެފައިވާ ކަމަށްބުނެ އެއިމާރާތުގެ ފުނޑުފުނޑުވެފައިވާ ބައިތައް ދައްކާފައެވެ. ނަމަވެސް މިލަރ ގެ މަރުވެފައިވާ ހަށިގަނޑު ދައްކާފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)