މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކޮންގްރެސް ފެށިއްޖެ އެވެ. މިއަދު އޮންނާނީ ރަސްމީކޮށް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމެވެ. ރަސްމީކޮށް އެކި މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުން މިއަދު ފެށިގެންދާ އިރު ރޭ ވަނީ ކޮންގްރެސް ފެށުމުގެ ގޮތުން ހާއްސަ ޖަލްސާއެއް ބާއްވާފައި އެވެ.

ދަރުބާރުގޭގައި މިއަދު ހެނދުނު 9:00 އިން ފެށިގެން ކުރިއަށްދާ ބައްދަލުވުމުގައި އެމްޑީއޭގެ އަސާސީ ގަވާއިދު އިސްލާހު ކުރުމާއި ގައުމީ މަޖިލިސްގެ އިންތިހާބާއި އަންހެނުންގެ ކައުންސިލްގެ ވޯޓު ނެގުން ހިމެނެ އެވެ. އަދި ހަމައެއާ އެކު ޒުވާނުންގެ ކައުންސިލްގެ ވޯޓު ނެގުން ވެސް މިއަދުގެ ކޮންގްރެސް ބައްދަލުވުމުގައި އޮންނާނެ އެވެ.

އެމްޑީއޭގެ ކޮންގްރެސް ފެށިގެން ކުރިއަށްދާ އިރު ޖުމުލަ ހަތް މަގާމަކަށް ބޭފުޅުން ވަނީ ކުރިމަތިލައްވައިފަ އެވެ. އެގޮތުން ޕާޓީގެ ލީޑަރާއި ނައިބު ލީޑަރުންގެ މަގާމަށް ބޭފުޅުން ކުރިމަތިލައްވާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ. ކޮންގްރެސްގައި އާންމު 10 މެމްބަރުން ހޮވުމަށް ނިންމާފައިވާ އިރު އެކަމަށް އެދި 19 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. ޒުވާނުންގެ ރައީސެއްގެ ގޮތުގައި ތިން މެމްބަރުން ކުރިމަތިލައްވާފައިވާ އިރު އަންހެނުންގެ ރައީސާއެއްގެ ގޮތުގައި ދެ މެމްބަރުން ވަނީ ކުރިމަތިލައްވައިފަ އެވެ. އެމްޑީއޭގެ ކޮންގްރެސްގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 235 މީހުން ތިބި ކަމަށް އެމްޑީއޭ އިން ބުންޏެވެ.