07 Feb 2015, 09:28
އިރާގާއި ސޫރިޔާގެ ބޮޑުބައެއް ހިފައިގެން އުޅޭ އައިއެސް ޖަމާއަތާ ދެކޮޅަށް އުރުދުންގެ މަތިންދާބޯޓުތަކުން ދިން ވައިގެ ހަމަލާތަކެއްގައި ރަހީނުކޮށްފައި އިން އެމެރިކާގެ އަންހެނެއް މަރުވެފައިވާ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ދިން މެސެއްގައި އައިއެސް އިން ބުނީ، އައިއެސްގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ރައްގާއަށް އަމާޒުކޮށް އުރުދުންގެ މަތިންދާބޯޓުތަކުން ދިން ވައިގެ ހަމަލާތަކެއްގައި 18 މަސް ވަންދެން އެޖަމާއަތުން ރަހީނުކޮށްފައި އިން އުމުރުން 26 އަހަރުގެ އެމެރިކާގެ އަންހެނަކު މަރުވެފައިވާ ކަމަށެވެ.
އައިއެސްގެ މެސެޖުގައި ބުނެފައި ވަނީ މަރުވެފައި ވަނީ ކޭލާ ޖީން މިއުލާ ނަމަކަށް ކިޔާ އެއިޑް ވޯކަރެއް ކަމަށެވެ. ނަމަވެސް އެކަމާ ބާރުދޭ އެއްވެސް ހެއްކެއް އެ ޖަމާއަތުން ހާމަކޮށްފައެއް ނުވެ އެވެ.
"އުރުދުންގެ މަތިންދާ ބޯޓުތަކުން ދިން ހަމަލާތަކެއްގައި ރަހީނުކޮށްފައި އިން އެމެރިކާގެ އަންހެނަކު ވަނީ މަރުވެފައި. ބޮންއެޅުމުގެ ސަބަބުން އެއްވެސް މުޖާހިދަކަށް އަނިޔާވެފައެއްނުވޭ. ހުރިހާ ހަމްދެއް ހުރީ މާތް ﷲ އަށް،" އައިއެސްގެ މެސެޖުގައި ބުނެފައިވެ އެވެ.
އައިއެސް އިން މަރާލި އެމެރިކާގެ އަންހެން މީހާއަކީ ރަހީނުކޮށްފައި ވަނީ ސޫރިއާގައި ކުރަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހުމުންދާ މީހުންނަށް އެހީވުމަށް ސޫރިޔާގައި ހަރަކާތްތެރިވަމުން ދަނިކޮށް 2013 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
އެ ހާދިސާއާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ސްޕޯކްސްޕާސަން މޭރީ ހާފް ވިދާޅުވީ، އައިއެސްގެ އެ މެސެޖާ ގުޅިގެން އެއްވެސް މައުލޫމާތެއް އަދި ދެވެން ނެތް ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
"ދުނިޔޭގެ އެކިކަންކޮޅުތަކުގައި ރަހީނުކޮށްފައިވާ އެމެރިކާގެ ރައްޔިތުން އެބަ ތިބި. އޭގެ ތެރޭގައި އައިއެސްވެސް ހިމެނޭ. ސެކެޓްރީ އޮފް ސްޓޭޓް ޖޯން ކެރީއާ އެކު ދަނީ އެ މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތްކުރަމުން،" ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ސްޕޯކްސްޕާސަން މޭރީ ހާފް ވިދާޅުވި އެވެ.
އައިއެސް އާ ދެކޮޅަށް އުރުދުން އިން ވަރުގަދަ ހަމަލާތަކެއް ދީފައި ވަނީ، އައިއެސް އިން ރަހީނުކުރި އެގައުމުގެ ޕައިލެޓަކު ދިރިހުއްޓާ އަންދާލުމާ ގުޅިގެން އެކަމު ބަދަލު ހިފާނެކަމުގެ އިންޒާރު ދިނުމަށް ފަހު އެވެ.