07 Feb 2015, 09:18
މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގައި މި ވަގުތު 14،000 މެމްބަރުން ތިބި ކަމަށާއި އެ ޕާޓީގެ މެމްބަރުންގެ އަދަދު މި އަހަރު ނިމޭ އިރު 25،000 އަށް އަރާނެ ކަމަށް އެ ޕާޓީގެ އިންތިގާލީ ލީޑަރު އަދި މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމްޑީއޭގެ ކޮންގްރެސް ފެށުމުގެ ގޮތުން ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ އިންތިގާލީ ދައުރު ނިމި އެ ޕާޓީގެ ކޮންގްރެސަށް ފަހު އާ ލީޑާޝިޕްގެ ދަށުން މުޅި ދިވެހި ރާއްޖެ އަށް އެމްޑީއޭ ފެތުރިގެންދާނެ ކަމަށެވެ. އެމްޑީއޭ އަކީ ދިވެހި އެންމެހާ ރައްޔިތުންނަށް ފައިދާއާއި ލާބަ އާއި މަންފާ އަދި ތަރައްގީ ހޯދައިދިނުމަށް އުފައްދާފައިވާ ޕާޓީއެއް ކަމަށް ސިޔާމް ވިދާޅުވި އެވެ. ޕާޓީގެ އުފެއްދުމުގެ މަގްސަދަކީ ދިވެހި ރައްޔިތުންނަށް އުފާ ފާގަތިކަމާ އެކު ދާއިމީ ގޮތެއްގައި ރައްޔިތުންނަށް އުޅެވޭނެ ގޮތް ތަނަވަސްކަން ހޯދައިދިނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ފުދުންތެރި ބައެއް ކަމަށްވާން ޖެހޭ. އަޅުގަނޑުމެންނަކީ ސަގާފީ ގޮތުންނާއި އަދި އަޅުގަނޑުމެންނަކީ ތަރައްގީގެ ގޮތުން މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ބަޔަކަށް ވާން ޖެހޭ. އެއީ އަޅުވެތިކަމުން ސަލާމަތް ވުމަށް ޓަކައި. މިކަން ކުރެވޭނީ މިކަން ކުރެވޭނެ ކަހަލަ ފަންނާނުންނަށް،" ސިޔާމް ވިދާޅުވި އެެވެ.
ސިޔާމް ވިދާޅުވީ އެމްޑީއޭގެ މެމްބަރުންނާއި އަދި އެޕާޓީގެ ސްލޮޓްތަކުގައި ތިބި ބޭފުޅުން "އެއްވެސް ގޮތަކަށް އަދި އެއްވެސަ ވަރަކަށް މާޔޫސްވާކަށް ނުޖެހޭ،" ކަމަށެވެ. އަދ އެމްޑީއޭ އަކީ ކުރާ ކަމެއް ވަރަށް ކެރިގެން ނުކުމެ ކުރާ ޕާޓީއެއް ކަމަށާއި އަދި އެ ކުރާ ކަމެއް "ކާމިޔާބުގެ ތަޅުދަނޑިއާ ހަމައަށް ގޮސް ތަޅުދަނޑި ނަގައި ހުޅުވާ ބައެއް" ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
އެމްޑީއޭ އުފެއްދި އިރު ރާއްޖޭގެ ހާލަތު އޮތީ އެހާ ރަނގަޅު ހާލަތެއްގައި ނޫން ކަމަށާއި ދުނިޔޭގެ ގައުމުތަކުގެ މެދުގައި ރާއްޖެއާ މެދު ދެކޭ ގޮތް އެ ދުވަސްވަރު ވަނީ މުޅިން ތަފާތުވެފައި ކަމަށް ސިޔާމް ވިދާޅުވި އެވެ.
އެމްޑީއޭގެ ކޮންގްރެސް ރޭ ފެށިގެންދިޔަ އިރު ޖުމުލަ ހަތް މަގާމަކަށް ބޭފުޅުން ވަނީ ކުރިމަތިލައްވައިފަ އެވެ. އެގޮތުން ޕާޓީގެ ލީޑަރާއި ނައިބު ލީޑަރުންގެ މަގާމަށް ބޭފުޅުން ކުރިމަތިލައްވާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ. ކޮންގްރެސްގައި އާންމު 10 މެމްބަރުން ހޮވުމަށް ނިންމާފައިވާ އިރު އެކަމަށް އެދި 19 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. ޒުވާނުންގެ ރައީސެއްގެ ގޮތުގައި ތިން މެމްބަރުން ކުރިމަތިލައްވާފައިވާ އިރު އަންހެނުންގެ ރައީސާއެއްގެ ގޮތުގައި ދެ މެމްބަރުން ވަނީ ކުރިމަތިލައްވައިފަ އެވެ.