ޤާހިރާ : މިސްރުގެ ރައީސް ހުސްނީ މުބާރަކް މިއަދުގެ ވަގުތެއްގައި ގޮތްނޭންގޭ ދިމާއަކަށް ވަޑައިގެންފި ކަމުގެ ޚަބަރުތަކެއް ފެތުރިއްޖެއެވެ.

އަލްޖަޒީރާ ބުނިގޮތުގައި މުބާރަކް ފުރާވަޑައިގެންނެވީ ބޭރުޤައުމަކަށްކަން ނުވަތަ ޤާހިރާއިން ބޭރުގައިވާ މިސްރުގެ ދުރުހިސާބަކަށްކަން އަދި ސާފެއް ނުވެއެވެ. މިޚަބަރު މިސްރުގެ އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށެއް ނުދެއެވެ. ނަމަވެސް ހުޅަނގުގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން މިޚަބަރު ޢާންމު ކޮށްފައިވެއެވެ. އަދި މިސްރުގެ އިދިކޮޅު ބައެއް ފަރާތަކުންވެސް މިގޮތަށް ވާހަކަ ދައްކަމުން އެބަގެންދެއެވެ.

އަލްޖަޒީރާއިންވެސް ކުއްލި ޚަބަރެއްގެ ގޮތުގައި މިޚަބަރު ގެނަސްދީފައިވެއެވެ. މިސްރުގެ އެތަށް ހާސްބަޔަކު މިހާރުގެންދަނީ މުބާރަކްގެ ގަނޑުވަރުތައް ޙިސާރު ކުރަމުންނެވެ. ޤާހިރާގައި ހުންނަ މުބާރަކްގެ އަލްޢުރޫބާ ގަނޑުވަރު ވަށާލައިގެން މިސްރުގެ ދިހަވަރަކަށް ހާސް މީހުން އެބަތިއްބެވެ. އަދި އިސްކަންދަރިއްޔާގައި ހުންނަ މުބާރަކްގެ ރައްސުއްތީން ގަނޑުވަރުވެސްވަނީ ރައްޔިތުންގެ ފަރާތުން ޙިސާރު ކުރެވިފައެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް