07 Feb 2015, 00:18
ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ރ. މީދޫގައި ގާއިމްކުރާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
މީދޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ތާރިގު އިބްރާހީމާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި އެމްޑަބްލިއުއެސްސީގެ އިސް ވެރިންގެ އިތުރުން ރ. އަތޮޅު ކައުންސިލާއި މީދޫ ކައުންސިލްގެ އިސްވެރިންނެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދަނީ މާލޭ ވޯޓާ ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ. އެ މަޝްރޫގެ ދަށުން މީދޫގައި ނަރުދަމާ ހޮޅި އެޅުމާއި ސްވޭޖް ޕަމްޕް ސްޓޭޝަންތައް ބަހައްޓައި އައުޓްފޯލް ސިސްޓަމް އެއް ގާއިމްކުރާނެ އެވެ. ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 48.3 މިލިއަން ރުފިޔާ އެވެ.
މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައު މިނިސްޓަރު ތާރިގު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޙިދުމަތްތައް ފުރިހަމަައަށް ފޯރުކޮށްދިނުމުގައި ސަރުކާރުން އަބަދުވެސް ދެމިތިބޭމެ ކަމަށާއި މިއަދު މީދޫގައި ރަސްމީކޮށް ފެށިގެންދާ ނަރުދަމާގެ މަސައްކަތަކީ އޭގެ ހެއްކެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހަމައެކަނި ޕްރޮޖެކްޓްތައް ގާއިމްކުރެވުމުން ނުނިމޭނެ ކަމަށާއި އެފަދަ މަސައްކަތްތަކަކީ ބޮޑުޚަަރަދެއް ކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ކަމުން އެފަދަ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމުގައި ރަށްރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ވެސް ބޭނުންވާނެ ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒްލް ރަޝީދު ވިދާޅުވީ މިއަހަރުގެ ތެރޭގައި މީދޫގައި ގާއިމްކުރާ ނަރުދަމާގެ މަސައްކަތް ނިންމައި ރައްޔިތުންނަށް އެ ނިޒާމުގެ ފަސޭހަކަން ލިއްބައިދޭނެ ކަމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ މި ހަފްތާތެރޭގައި ހއ. ތުރާކުނާއި، ށ. ކަނޑިތީމުގައި ވެސް ނަރުދަމާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށާފަ އެވެ.