06 Feb 2015, 23:01
ގާނޫނު އަސާސީ ހިމާޔަތް ކުރާނެ އެންމެ ފުރަތަމަ ޕާޓީއަކީ މޯލްޑިވިއަން ޑިވެލޮޕްމަންޓު އެލެޔަންސް (އެމްޑީއޭ) ކަމަށް އެ ޕާޓީގެ އިންތިގާލީ ލީޑަރު އަދި މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމްޑީއޭގެ ކޮންގްރެސް ފެށުމުގެ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ގައުމުގައި އަމަން އަމާން ކަމާއި ސުލްހަ މަސަލަސް ގާއިމް ކުރުމުގެ އިތުރުން ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަކީ ވާޖިބަކަށް ވާންޖެހޭ ކަމަށެވެ. ސިޔާމް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އެމްޑީއޭ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށެވެ.
"ބަޔަކު މީހުން ގާނޫނު އަސާސީ ހިމާޔް ކުރަން ތިމަންނާމެން މިތިބީ ތެދުވޭ ބުންޏަސް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން. އެ މީހުންނަކީ ގާނޫނު އަސާސީގެ ތެރެއިން ބޭރަށް ގޮސް ޗާޓުން ބޭރުވެފައި ތިބި މީހުން. އެ މީހުންނަކަށް އިތުރަކަށް ގާނޫނު އަސާސީއެއް ދެނެއް ރަނގަޅެއް ނުކުރެވޭނެ،" ސިޔާމް ވިދާޅުވި އެވެ.

ޕީޕީއެމް ކޯލިޝަންގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ވަކި ބަޔަކަށް ފައިދާތަކެއް ހޯދައި ދިނުމުގެ ނިޔަތުގައި ނޫން ކަމަށާއި ދިވެހި ކޮންމެ ރައްޔިތަކީ ގާނޫނު އަސާސީގެ ކުރިމަތީގައި ހަމަހަމަ މީހެއް ކަމަށެވެ.
ސިޔާމް ވިދާޅުވީ ރާއްޖެއަކީ ސުވަރުގެއެކޭ ފަތުރުވެރިން ބުނަމުންދާއިރު އެކަން ނައްތާލަން ބަޔަކު މީހުން ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ދިވެހިރާއްޖޭގެ ރީތި މާހައުލު "ކިލަނބު" ކޮށްލުމަށް ބަޔަކު މީހުން މަސައްކަތް ކުރާކަން ހަނދާން ކުރަންޖެހޭ ކަމަށް ސިޔާމް ވިދާޅުވި އެވެ.
"ދިވެހިރާއްޖެއަކީ ސުވަރުގެއެއް ކަމުގައި ބޭރު މީހުން ދެކެނީ ކީއްވެތޯ. ސަތޭކައަކުން އަށްޑިހަ ޕަސެންޓު ފައިސާ މި ރާއްޖެއަށް ވަށްދައި ދެނީ އަދި މުޅިރާއްޖޭގެ އާމްދަނީ މިލިބެނީ ޓުއަރިޒަމުން. އެ އަންނަ ޓުއަރިސްޓުން ރާއްޖެއަކީ ސުވަރުގެއެކޭ ބުނަނީ ހަމަ އެކަނި ރީތި ވެގެނެއް ނޫން. ރާއްޖޭގެ ރައްޔިތުންގެ އޯގާތެރިކަމާއި ހިތް ހެޔޮކަމާއި އެމީހުންނަށް ބަހައްޓާ ގާތްކަމާއި ކުލުނުން. އެހެންވެ އެމީހުން ބުނަނީ ދިވެހިރާއްޖެ އަކީ ސުވަރުގެ އެކޭ،" ސިޔާމް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ޔާމިން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ސިޔާމް ވިދާޅުވީ މިއަދުގެ ސަރުކާރުން ރާއްޖެއަށް ތަރައްގީ ގެންނަމުންދާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ބޭރުގެ އިންވެސްޓުމަންޓުތައް މި ގައުމަށް ގެންނަމުންދާ ކަމަށާއި "އަބްދުﷲ ޔާމީންގެ ސަރުކާރުން ގެންނަން އުޅޭ ވަރުގެ އިންވެސްޓްމަންޓެއް މިރާއްޖެއަށް ދުވަހަކުވެސް ނާންނާނެ،" ސިޔާމް ވިދާޅުވި އެވެ.
"އަދި މުސްތަގުބަލުގައި އެވަރުގެ އިންވެސްޓުމަންޓެއް އައުމަކީ ވަރަށް ނާދިރު ކަމެއް. އަޅުގަނޑުމެން ބޭނުންވަނީ އެހަބަރު. އިރާދަ ކުރެއްވިއްޔާ އެ ހަބަރު ރައީސް ޔާމީން ވަރަށް އަވަހަށް ދެއްވާނެ،" ސިޔާމް ވިދާޅުވި އެވެ.
އެމްޑީއޭގެ ކޮންގްރެސްގެ ގިނަ ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައި ވަނީ މާދާމާ އެވެ. މިރޭ ބޭއްވި ޖަލްސާގެ ކުރިން އެ ޕާޓީގެ އިންތިގާލީ ކައުންސިލްގެ އެންމެ ފަހުގެ ބައްދަލުވުން ބާއްވާފައިވެ އެވެ.
މާދަމާ އޮންނަ ހަރަކާތްތަކުގައި އެމްޑީއޭގެ އަސާސީ ގަވާއިދު އިސްލާހު ކުރުމާއި ގައުމީ މަޖިލިސްގެ އިންތިހާބާއި އަންހެނުންގެ ކައުންސިލްގެ އިންތިހާބު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.