ޗައިނާ އިން ސްރީލަންކާގެ ދާހިލީ ކަންކަމާ ނުބެހޭނެ ކަމަށާއި އަދި ސްރީލަންކާ ހަބެއްގެ ގޮތުގައި ބޭނުންކޮށްގެން އެހެން ގައުމަކާ ދެކޮޅަށް ވެސް ހަރަކާތްތެރި ނުވާނެ ކަމަށް ޗައިނާ އިން ބުނެފި އެވެ.

ޗައިނާގެ އެސިސްޓެންޓް މިނިސްޓަރު އޮފް ފޮރިން އެފެއާޒު ލިއު ޗައިންޗައޯއާ ހަވާލާދީ ކަލަމްބޯ ގެޒެޓުން މިއަދު ބުނީ ޗައިނާގެ އެންމެ މުހިންމު ކަމަކަށް ވާނީ އިގްތިސާދު ވަރުގަދަކުރުން ކަމަށެވެ.

އިންޑިއާ އިން ކުރިން ވަނީ ސްރީލަންކާ އާއި ޗައިނާގެ ގުޅުމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހާއްސަކޮށް ޗައިނާގެ ސަބްމެރީން ލަންކާގައި ބަނދަރު ކުރި މައްސަލައާ ގުޅިގެންނެވެ.

ސްރީލަންކާގެ ރައީސް މައިތިރި ޕާލާ ސިރިސޭނާ އަންނަ މަހު ޗައިނާ އަށް ވަޑައިގަންނަވާނެ ކަމަށް ޗައިނާގެ އެސިސްޓެންޓް މިނިސްޓަރު ވަނީ ޔަގީންކޮށްދީފަ އެވެ. އަދި އެސިސްޓެންޓް މިނިސްޓަރު ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނެރަންދުރަ މޯދީ ވެސް ޗައިނާ އަށް ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ވިދާޅުވީ ޕޯޓް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުމުން މަރުހަބާ ކިޔާ ކަމަށާއި އަދި ލަންކާ އާއި ޗައިނާ އާ ދެމެދު އިތުރު މަޝްރޫއުތައް ފެއްޓުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޗައިނާ އިން ޕްރޮޖެކްޓްތަކުގައި ބޭނުން ކުރަނީ ފެންވަރު ރަނގަޅު ސާމާނު ކަމަށާއި ޗައިނާ އިން ކުރާ މަސައްކަތްތަކަކީ ބައިނަލްއަގުވާމީ ފެންވަރުގެ މަސައްކަތް ކަމަށް ހައްދަވާނެ ކަމަށެވެ.

އެސިސްޓެންޓް މިނިސްޓަރު ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލްވިކްރަމަ ސިންހާ އާއި ފޮރިން މިނިސްޓަރު މަންގަލާއާ ބައްދަލުކުރައްވައިފަ އެވެ.