06 Feb 2015, 20:43
ކީރިތި ރަސޫލާ (ޞޢވ) އަށް ފުރައްސާރަކުރި ފަރަންސޭސިވިލާތުގެ ނޫހެއް ކަމަށްވާ "ޗާލީ ހެބްޑޫ"ގެ މަރުކަޒަށް ދިން ހަމަލާއަށް ފަހު އެ ގައުމުގެ ވެރިރަށް ޕެރިހުގައި އެކްޝަން ފިލްމްތަކުގެ މަންޒަރުތައް ނެގުން މަނާކޮށްފި އެވެ.
ފިލްމުތަކުގެ މަންޒަރުތައް ނެގުމަށް މަޝްހޫރު ޕެރިހުގައި އެގޮތަށް ނިންމުމުން، އެކްޝަން ފިލްމުތަކުގެ މަންޒަރުތަކުގެ އިތުރުން އަސްލު ނޫން ހަތިޔާރާއި އަލިފާން ނުވަތަ ހަވާ އެ ރުމުގެ އިފެކްޓްސްތައް ގެންނަ މަންޒަރުތައް ވެސް ކުޅުން ވަނީ މަނާކޮށްފަ އެވެ.
"ޔުނީފޯމް އަޅައިގެން އުޅޭ އެކްޓަރުން ޓެރަރިސްޓުންގެ ގޮތުގައި ބެލެވޭނެތީ މައްސަލަތަކެއް އެބަހުރި އެފަދަ ފިލްމުތަކުގެ. އަދި މިކަހަލަ ސެންސިޓިވް ދަނޑިވަޅެއްގައި އެކަހަލަ ހެދުން އަޅައިގެން އުޅުމުން އާއްމުންނަށް ވެސް އޮޅުންއަރާފާނެ،" ޕެރިހުގެ ފުލުހުންގެ ކޮމާންޑަރު ސީލްވީ ބާނައުޑް ބުނެފައިވެ އެވެ.
އެ ހުއްދަ އަލުން ދޭން ފަށާނެ ދުވަހެއްގެ އަދި ނޭނގޭ އިރު، ޕެރިހުގެ ސިނަމާ މިޝަން އިން ވަނީ އެކަމުގެ ސަބަބުން އެމެރިކާގެ ފިލްމް އުފެއްދުމަށް އަސަރުކުރާނެ ކަމަށް ބުނެފަ އެވެ.
ޗާލީ އެބްޑޫ ނޫހުގެ އޮފީހަށާއި ޕެރިހުގެ އެހެން ތަންތަނަށް މިދިޔަ ޖެނުވަރީ މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާތަކުގައި 17 މީހުންނާ އެކު ހަމަލާދިން ތިން މީހުން މަރާލާފައިވެ އެވެ. އަދި އެ ހާދިސާއާ ގުޅިގެން ޕެރިހުގެ ހުންނަ ފަންޅިތަކާއި މީޑިއާ އޮފީސްތަކުގެ އިތުރުން ބޮޑެތި ވިޔަފާރި ސެންޓަރުތައް ކައިރީގައި އެގައުމުގެ ސިފައިން ދަނީ ހަތިޔާރާއެކު ފޯރިމަރަމުންނެވެ.
ޕެރިހުގެ ކަމާ ބެހޭ އިދާރާތަކުން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ސިޓީގައި 930 ފިލުމުގެ ޝޫޓިން ކޮށްފައިވާ އިރު، އޭގެ ތެރެއިން 20 ފިލްމް ޝޫޓިނަކީ ބައިނަލްއަގްވާމީ ބޮޑެތި ޕްރޮޑަކްޝަންތަކުގެ ޝޫޓިންތައް ކަމަށެވެ.