06 Feb 2015, 19:08
ވ. ކެޔޮދޫގައި ދެ ދަރިންނަށް މަންމަ ޖިސްމާނީ އަނިޔާކުރާ ކަމުގެ ތުހުމަތުތަކެއްގައި ޖެންޑާ މިނިސްޓްރީއަށް އެ ދެކުދިން ނަގައިފި އެވެ.
ސަން އަށް މައުލޫމާތު ދެމުން ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ އަލީ ވިދާޅުވީ، ކެޔޮދޫގައި އަނިޔާލިބެމުންދިޔަ ދެ ކުއްޖެއްގެ މައްސަލަ އިއްޔެ އިން ފެށިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ދެ ކުދިންނަށް ހިމާޔަތް ދިނުމުގެ ގޮތުން އެ ރަށުން އެ ކުދިން އެހެންތަނަކަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ ދެކުދިން ގެންދިޔަ ތަނެއް ޝިދާތާ ވިދާޅެއްނުވެ އެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އެ ދެ ކުދިން މިއަދު ވަނީ ފެލިދޫއަށް ގެންގޮސްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކެޔޮދޫގައި އުމުރުން އަށް އަހަރުގެ ފިރިހެން ކުއްޖަކަށާއި ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް އެދެކުދިންގެ މަންމަ ޖިސްމާނީ އަނިޔާކުރާ ކަމަށްބުނެ މިދިޔަ ބުދަ ދުވަހު ފުލުހުންނަށް މައްސަލައެއް ހުށަހެޅުނު ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީއާ ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގަށްފަހު އެ ދެ ކުދިން އިއްޔެ ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ނަމަވެސް އެ މައްސަލާގައި މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.