06 Feb 2015, 18:55
ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަލަށް ޗައިނާގެ ހުނާން ޕްރޮވިންސްގެ ވެރިރަށް ޗަންގްޝާއަށް ދަތުރުތައް ފަށައި، އެ މަންޒިލަށް ކުރި ފުރަތަމަ ދަތުރުން އެކަނި ވެސް 196 ޗައިނާ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ އެވެ.
މޯލްޑިވިއަނުން މިދިޔަ މަހުގެ މެދެއްހާ ހިސާބުގައި އަލަށް ގެނައި އޭ 321 ބޯޓުން ޗަންގްޝާ އަށް ސީދާ ދަތުރުތަކެއް ފަށާފައިވާއިރު، މިއީ އެ ފްލައިޓުގެ ދަތުރުތައް އަލަށް ފަށަން ނިންމި ތިން މަންޒިލުންގެ ތެރެއިން އެއް މަންޒިލެވެ.
މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން ނަޝާތު ވިދާޅުވީ، ޗަންގްޝާއަށް އިން ރާއްޖެ އައި ފުރަތަމަ ފްލައިޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ޖައްސާފައިވަނީ މިއަދު ހެނދުނު 6:40 ގައި ކަމަށެވެ. އަދި އަލަށް ގެނައި އޭ 321 ފްލައިޓުން ޗަންގްޝާއަށް ހަފްތާއަކު އެއް ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗަންގްޝާއިން ރާއްޖެ އައި ފުރަތަމަ ފްލައިޓުގެ ފަތުރުވެރިންނަށް އައިއެންއައިއޭ އިން މަރުހަބާ ކިޔާފައި ވަނީ ރަތް ފިނިފެންމަލުންނާއި ދިވެހި ސަގާފީ ބޮޑުބެރުންނެވެ.
ޖުމްލަ 200 މީހުންގެ ޖާގައިގެ އެ ބޯޓުގެ ސީދާ ދަތުރުތައް އަލަށް ފަށަން ނިންމި ޗައިނާގެ ތިން މަންޒިލުގެ އެންމެ ފުރަތަމަ ދަތުރުތައް ފަށާފައި ވަނީ ނަންޖިން އަށެވެ. މިދިޔަ ބުދަ ދުވަހު ނަންޖިން އިން މާލެ އައި ފްލައިޓުން 200 ފަތުރުވެރިން އައިސްފައިވެ އެވެ.
މޯލްޑިވިއަން އިން ބުނީ، ޗައިނާއަށް ކުރަން ފަށާ އައު ދަތުރުތަކާއެކު އެގައުމުން ދުވާލަކު 200 ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ. އޭރުން ހަފްތާއެއްތެރޭ 1000 މީހުން އަންނަ އިރު މަހެއްތެރޭ ޗައިނާގެ 4،000 ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް އެ އޭވިއޭޝަން އިން ބުނެއެވެ.