06 Feb 2015, 18:32
އާ މަންހަޖާއެކު ގްރޭޑް 3-1 ގެ ދަރިވަރުންނަށް އާ ރިޕޯޓްފޯމެއް ތައާރަފްކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން އިއްޔެ ބުނީ އާ ރިޕޯޓްފޯމް އެކުލަވާލާފައި ވަނީ ރާއްޖޭގައި އަލަށް އެކުލަވާލި މަދަރުސީ ތައުލީމުގެ ގައުމީ މަންހަޖްގެ ދަށުން ކީސްޓޭޖް އެކެއްގެ ދަރިވަރުންގެ ފެންވަރު ބަލައި ވަޒަންކޮށް، ހާސިލް ވާންޖެހޭ މިންވަރު ދަރިވަރުންނަށް ހާސިލްވޭތޯ ބެލުމަށް ކަޑައަޅާފައިވާ ގޮތްތަކާ އެއްގޮތަށް ކަމަށެވެ.
އަދި އަލަށް ތައާރަފް ކުރި ރިޕޯޓު ފޯމްގައި ގައުމީ މަންހަޖުގައި ވާގޮތަށް ގްރޭޑްތަކުގެ ދަރިވަރުންގެ ފެންވަރު ބަލައި ވަޒަންކުރުމަށް ކަނޑައެޅުނު " އެސެސްމެންޓް ފޯ ލާރނިންގ" ބޭނުންކޮށްގެން ދަރިވަރުންގެ ފެންވަރު ކަނޑައެޅޭނެ ގޮތްތައް އެކުލަވާލާފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
އެޑިއުކޭޝަނުން ބުނީ އެސެސްމަންޓް ފޯ ލާރނިންގ ގައި ވާގޮތުން ސުކޫލުގައި އެއްކުރާ އެސެސްމަންޓްގެ މައުލޫމާތަކީ އުނގެނި ދަސްކުރުމުގެ ތަފާތު އެކިއެކި މަރުހަލާތަކުގައި އެސެސްމަންޓްގެ ތަފާތު ވައްތަރުތައް ބޭނުންކޮށްގެން އެއްކުރާ ވަރަށްޚާއްސަ މައުލޫމާތުތަކެއް ކަމަށެވެ.
އެގޮތުން ހޯދާ މައުލޫމާތު ބޭނުންކޮށްގެން ދަރިވަރު ހާސިލްކުރި ނަތީޖާ ތައްޔާރުރެވޭނެ ކަމަށާއި އަދިި އެ ނަތީޖާއިން ދަރިވަރަށް ކޮންމެ މާއްދާއަކުން ހާސިލްވި މިންވަރާއި، މުދައްރިސުންގެ އިރުޝާދާއި، ކުރިމަގުގައި ދަރިވަރުން ކުރަންވީ ކަންތައްތައް ސާފްކޮށް އުނގެނެން އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން މައުލޫމާތުދެ އެވެ.
އަލަށް ތައާރަފް ކުރި ރިޕޯޓު ފޯމުން ދަރިވަރު ސުކޫލުގައި ކުރި މަސައްކަތުގެ ފެންވަރާއި، ދަރިވަރުންގެ އުޅުމާއި، އަދި ދަރިވަރުގެ އަޚްލާގީ ފެންވަރު ބެލެނިވެރިޔާއަށް އެނގިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވާނީ އަލަށް އެކުލަވާލި ރިޕޯޓް ފޯމް ރާއްޖޭގެ ސުކޫލުތަކަށް ލިބޭނެ ގޮތް ހަދާފަ އެވެ. އަދި އެ ރިޕޯޓް ފޯމް ކޮންމެ އަހަރަކު ދެ ފަހަރު ރަސްމީ ގޮތެއްގައި ބެލެނިވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.
ދިރާސީ އާ އަހަރާ އެކު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް 1-3 އަށް ތަންފީޒު ކުރަން ފެށި ގައުމީ އާ މަންހަޖުގެ ދަށުން ދަރިވަރުން ސްކޫލުގައި ހޭދަ ކުރާ ވަގުތާއި ކިޔަވައިދޭ ތަކެއްޗާއި ކިޔަވައިދޭ ގޮތްތަކަށް ވެސް ބަދަލުތަކެއް ވަނީ އައިސްފައެވެ.