ށ. ފުނަދޫގައި 16 އަަހަރުގެ އަންހެން ކުއްޖަކާ 'ބެހުނު' ދޮށީ އުމުރުގެ މީހަކަށް ޒުވާނުންތަކެއް ފާރަލައިގެން ފަޅާއަރުވާލައިފި އެވެ. އެ މައްސަލާގައި އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ 11:30 ކަންހާއިރު އުމުރުން 51 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ރޭ ދަންވަރު އުމުރުން 48 އަހަރުގެ މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.

ފުނަދޫ މީހަކު ސަން އަށް ބުނީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި އެކަކީ މީގެ ކުރިން ވެސް އެފަދަ މައްސަލައެއްގައި ހައްޔަރުކުރި މީހެއް ކަމަށެވެ.

"އަންހެން ކުއްޖަކު އޭނާ {ހައްޔަރުކުރި ފުރަތަމަ މީހާ} ގެ ގެއަށް ވައްދަކާކަން އެނގިގެން ޒުވާނުންތަކެއް އެ އަންހެން ކުއްޖާއަށް ފާރަލި. އަދި އަންހެން ކުއްޖާ އެގެއަށް ވެއްދުމުން ޒުވާނުންގެ ބޮޑު ގްރޫޕަކުން އެގެއަށް ވައްދާލި. އެތަނުން ދެން ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ވެސް ހިނގި،" ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި ހުރި މީހާ ބުންޏެވެ.

ފުނަދޫ ކައުންސިލުން ވެސް ވަނީ އެފަދަ ހާދިސާއެއްގެ ތުހުމަތުގައި އެރަށު މީހަކު ހައްޔަރުކޮށްފައިވާ ކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ.