ގާނޫނާ ހިލާފަށް ބުޅާ މަހުގެ ވިޔަފާރި ކުރުމަށް ޗައިނާ އިން ވިއެޓްނާމަށް އެތެރެކުރި އެތައް ހާސް ބުޅަލެއް ނައްތާލުމުގެ ބޭނުމުގައި އެ ބުޅާތައް ދިރިތިއްބާ ވަޅުލައިފި އެވެ.

ތިން ލޮރީއަށް ބަރުކޮށްގެން ޗައިނާ އިން ވިއެޓްނާމަށް އެތެރެކުރަން އުޅުނު އެ ބުޅާތައް ވިއެޓްނާމުގެ ފުލުހުން އަތުލައިގަނެފައި ވަނީ އެ ގައުމުގެ ވެރިރަށް ހަނޯއީންނެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުން އެ ބުޅާތަކަކީ ވަގަށް ނަގާފައިވާ ބުޅާތަކެކެވެ.

ގަވާއިދާ ހިލާފަށް އެގައުމަށް އެތެރުކުރާ ތަކެއްޗަށް އަމަލުކުރާ ގާނޫނުގެ ދަށުން އެ އެއްޗެހި ވަޅުލާފައިވާ ކަމަށް ވިއެޓްނާމުގެ ފުލުހުންނާއި ހަވާލާދީ ގާޑިއަން ނޫހުގައި ބުނެފައިވެ އެވެ. ނަމަވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ އެއްޗެހި ވަޅުލުމުގެ ކުރިން އެ އެއްޗަކީ ޗަސްކޮށްލި އެވެ.

"އެ ބުޅާތަކަކީ އެއްވެސް ރަސްމީ ކަރުދާހެއް ނުވަތަ ގެރެންޓީއެއް ނެތި ޗައިނާ އިން އެތެރެކުރި އެއްޗެހި. އޭގެ ތެރެއިން ގިނަ އެއްޗެހި މަރުވެ ނުބައި ވަހެއް ހުރި. އެކަމުގެ ސަބަބުން ތިމާވެއްޓަށާއި މުސްތަގްބަލުގައި ފެތުރިދާނެ ބަލިމަޑުކަމަކަށް ޓަކައި އެ ހުރިހާ އެއްޗެއް ވަޅުލީ،" ޑޮންގްޑާ ޑިސްޓްރިކްގެ ތިމާވެއްޓާ ބެހޭ ފުލުހުން ބުނެފައިވެ އެވެ.


އެ މައްސަލާގައި އޭޝިއާގެ ގައުމުތައް ގުޅިގެން އުފައްދާފައިވާ ދިރޭތަކެތީގެ ހައްގުތައް ހިމާޔަތްކުރާ ގްރޫޕެއް ކަމަށްވާ އޭޝިއަން ކެނައިން ޕްރޮޓެކްޝަން އެލައިންސް އިން ވަނީ ވިއެޓްނާމުން ވަގަށް އެތެރެކުރާ ދިރޭތަކެތި ނައްތާލުމަށް ގެންގުޅޭ އުސޫލު ހުއްޓާލުމަށް ގޮވާލާފަ އެވެ.

މީގެ އިތުރުން، ހުރިހާ ބުޅަލެއް ވަޅުލުމުގެ ކުރިން ވަކިވަކި ބުޅާތައް ޗެކްކޮށް ބަލިހުރިތޯ ބެލުން ރަނގަޅު ކަމަށް ވެސް ބައެއް އެސޯސިއޭޝަންތަކުން ބުނެފައިވެ އެވެ.

ބުޅާ މަސް ނުވަތަ ވިއެޓްނާމުގައި ކިޔާ ނަމުންނަމަ، "ކުދި މިނިކާވަގު"ގެ މަހަކީ ވިއެޓްނާމުގައި ބޭނުންކުރުން މަނާ އެއްޗެއް ނަމަވެސް ބައެއް ރެސްޓޯރެންޓުތަކުގައި ބުޅާ މަހުގެ ކެއުންތައް ލިބެން ހުރެ އެވެ. އަދި ރެސްޓޯރެންޓުތަކުގެ ޑިމާންޑް އޮންނަވަރުން ބުޅާ ގެންގުޅޭ މީހުން ބުޅާތައް ގެންގުޅެންޖެހެނީ ގޭތެރޭގައި އައްސައިގެންނެވެ. އެއީ ދޫކޮށްގެން ގެންގުޅޭ ނަމަ ބުޅާ ވަގަށް ނަގާތީ އެވެ.