06 Feb 2015, 16:06
ލަންކާގެ ފޮރިން އިންވެސްޓްމަންޓްގެ ކަންކަން ފުޅާކޮށް ތަރައްގީކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ކުރީގެ ޗީފް ޑޮމެނިކް ސުޓަސް ހާން އާ އެކު ހެދި 750،000 ޑޮލަރުގެ އެއްބަސްވުން އުވާލަން ލަންކާ ސަރުކާރުން ނިންމައިފި އެވެ.
ލަންކާގެ ކެބިނެޓް ތަރުޖަމާނާ ހަވާލާދީ ލަންކާގެ ނޫހަކުން މިއަދު ބުނީ ބަދުއަހުލާގީ އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތު ކުރެވިފައިވާ ހާން، 65، އާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
ތަރުޖަމާނު ވިދާޅުވީ ހާން އަށް 750،000 ޑޮލަރު ދީފައިވާ ކަމަށާއި އަދި ބާކީ ނުދީވާ ފައިސާއެއް ވާކަން ނޭނގޭ ކަމަށެވެ. އަދި އޭނާ ލައްވައި ކުރުވީ ކޮން ކަމެއް ކަން ވެސް ނޭނގޭ ކަމަށެވެ. އޭނާ ވިދާޅުވީ ބޭރު ބަޔަކާ ހަވާލު ނުކުރިއަސް ލަންކާގެ މިހާރުގެ ސަރުކާރަށް ފޮރިން އިންވެސްޓްމަންޓް ގެނެވޭނެ ކަމަށެވެ.