11 Feb 2011, 19:03
ޤާހިރާ : މިސްރުގެ ރައީސް ޙުސްނީ މުބާރަކްގެ ނިޒާމް ވައްޓާލަން މަސައްކަތްކުރާ މިސްރުގެ އެތަށް ހާސްބަޔަކު ޤާހިރާގެ މިސްރުލްޖަދީދާގައި ހުންނަ ރަސްމީ ޓީވީއާއި ރޭޑިޔޯ ހުންނަ ޢިމާރާތް ވަށާލައި އެތަން ޙިސާރުކޮށްފިއެވެ.
ޙިސާރު ކުރިމީހުންވަނީ އެތަނަށް މީހުން ވަނުމާއި ނުކުތުން މަނާކޮށްފައެވެ. މިސްރުގެ އެތަށް ހާސްބަޔަކު މިހާރުގެންދަނީ މުބާރަކްގެ ގަނޑުވަރުތައްވެސް ޙިސާރު ކުރަމުންނެވެ. ޤާހިރާގައި ހުންނަ މުބާރަކްގެ އަލްޢުރޫބާ ގަނޑުވަރު ވަށާލައިގެން މިސްރުގެ ދިހަވަރަކަށް ހާސް މީހުން އެބަތިއްބެވެ. އަދި އިސްކަންދަރިއްޔާގައި ހުންނަ މުބާރަކްގެ ރައްސުއްތީން ގަނޑުވަރުވެސްވަނީ ރައްޔިތުންގެ ފަރާތުން ޙިސާރު ކުރެވިފައެވެ.
މިސްރުގެ ސިފައިންގެ ފަރާތުން މިއަދުވެސްވަނީ އެޤައުމުގެ ހާލަތާބެހޭގޮތުން ބަޔާނެއް ނެރެފައެވެ. މިއީ ސިފައިންގެ ފަރާތުން ނެރޭ ދެވަނަ ބަޔާނެވެ. މިބަޔާން ބުނިގޮތުގައި ރައްޔިތުންގެ އެދުންތަކާއި ބޭނުންތަކަށް ސިފައިން ހުރަހެއް ނާޅާނެއެވެ. އަދި އަބަދުވެސް ސިފައިން ތިބޭނީ ރައްޔިތުންގެ ޚިދްމަތުގައެވެ. ނަމަވެސް ސިފައިންގެ ތާއީދު މުބާރަކަށް އޮތްކަން ދޭހަވާގޮތަށް ހުރި ބައެއް ޢިބާރާތްތައް ސިފައިންގެ ބަޔާނުގައި ވެއެވެ. މިގޮތުން މުބާރަކް ޤައުމުގެ ވެރިކަމުގެ ނިޒާމަށް ގެންނަން ވިދާޅުވި އިސްލާޙްތަކަށް ތާއީދުކޮށް އެއިސްލާޙްތައް ގެނަސްދިނުމުގައި ސިފައިންގެ ޖާމިނުވުން ދޭނެކަން ސިފައިންގެ ބަޔާނުގައިވެއެވެ.
ޚަބަރުތައް ބުނާގޮތުން މިސްރުގެ ސަރުކާރާއި ދައުލަތުގެ އެތަށް މުއައްސަސާއެއްގެ މުވައްޒަފުންވެސް މިހާރު ގެންދަނީ މުބާރަކާ ދެކޮޅަށް ކުރެވޭ މުޒާހަރާތަކުގައި ބައިވެރިވަމުންނެވެ. އަދި ސިފައިންގެ ބައެއް އިސް އޮފްސަރުންވެސް މުޒާހަރާގައި ބައިވެރިވަމުން އެބަގެންދެއެވެ. މިއަދު މިސްރުގެ ކަންކޮޅުތަކަށް އެއްވެ މުބާރަކާ ދެކޮޅަށް އޭނާގެ ވެރިކަން ވައްޓާލަން ގޮވާލާ މީހުންގެ ޢަދަދު ހައެއްކަ މިލިޔަނަށްވުރެ ގިނަކަމަށް ޚަބަރުތައް ބުނެއެވެ.
މިސްރުގެ ޓީވީ މެދުވެރިކޮށް ޤައުމާ މުޚާތަބު ކުރައްވައި ރޭ މުބާރަކް ދެއްވި ޚިތާބުގައި، އޭނާގެ ވެރިކަން ނިމުމަކަށް ގެނައުމަށް މިސްރުގެ ރައްޔިތުން އެދެމުންގެންދާ އެދުންތަކަށް އެއްވެސް ވަރަކަށް އިޖާބަދެއްވާފައެއް ނުވެއެވެ. އަދި ވެރިކަން ދޫކޮށްލައްވާނެ ކަމުގެ ކުޑަވެސް އިޝާރާތެއް ދެއްވާފައެއް ނުވެއެވެ.
މުބާރަކް ވިދާޅުވީ ރައްޔިތުން އެދޭ އެދުންތަކާއި ގޮވާލާ ގޮވާލުންތަކަކީ ޝަރުޢީ ގޮވާލުން ތަކެއް ކަމަށާ ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކާއި އިޙްތިޖާޖްތަކުގައި މަރުވި މީހުންނަކީ ޝަހީދުން ކަމުގައެވެ. އަދި ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގި ފަރާތްތަކާމެދު ފިޔަވަޅުއަޅައި އެފަރާތްތަކަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުން ރުއްސުމުގެ ރޫޙެއްގައި މުބާރަކް ވާހަކަ ދެއްކެވިއެވެ.
މުބާރަކްގެ ވާހަކަފުޅުގައި އޭނާގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލާ މިސްރުގެ ޒުވާނުންގެ ބޭނުންތަކަށް ބައްލަވާނެ ކަމަށް ވިދާޅުވިނަމަވެސް ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒަށް ބޯނުލަނބާނެ ކަމަށް ވިދާޅުވެ މިސްރު ރައްޔިތުންގެ އުތުރިއެރުމަކީ ބޭރުގެ ފަރާތްތަކުގެ ނުފޫޒާ ގުޅިފައިވާ ކަމެއްކަން ނުސީދާގޮތެއްގައި ދޭހަވާފަދަ ޢިބާރާތްތަކެއް ބޭނުން ކުރެއްވިއެވެ. އަދި މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމުމުން ވެރިކަމާ ކުރިމަތިނުލައްވާނެ ކަމަށް ކުރިން ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވައި މިއާއެއްގޮތަށް ޢަމަލު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެއިތުރުން ފުރިހަމަ ދިމުޤްރާތީ ނިޒާމަކަށް މިސްރު ބަދަލުކުރުމަށްޓަކައި އޭނާގެ ވެރިކަމުގައި ދެންއޮތް ބާކީ ދުވަސްތަކުގެ ބޭނުން ފުރިހަމައަށް ކުރައްވައިގެން މިސްރުގެ ދަސްތޫރުގެ ވަރަށްގިނަ މާއްދާ ތަކަކަށް ބަދަލުގެނަސް އިސްލާޙް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މުބާރަކްގެ ޚިތާބު 17 މނިޓަށް ދިގު ދެމިގެން ދިޔައެވެ. ނަމަވެސް ރައްޔިތުން އެދޭފަދައިން ވެރިކަން ދޫކޮށްލައްވާނެ ކަމުގެ އެއްވެސް އިޝާރާތެއް އޭނާ ނުދެއްވައެވެ. ނަމަވެސް ރައްޔިތުން އެދޭ އެދުންތަކާއި ދިމުޤްރާތީ އިސްލާޙްތަކުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމުގެ މަސްއޫލިއްޔަތު ނައިބު ރައީސް ޢުމަރު ސުލައިމާނާ ޙަވާލުކުރެއްވިކަން މުބާރަކް ހާމަކުރެއްވިއެވެ.
މުބާރަކްގެ ޚިތާބަށްފަހު ނައިބު ރައީސް ޢމަރު ސުލައިމާންވެސް ޓީވީ މެދުވެރިކޮށް ޤައުމާ މުޚާތަބު ކުރައްވައި ވާހަކަ ދެއްކެވިއެވެ. އޭނާގެ ވާހަކަފުޅުގައި މުބާރަކް ދެއްކެވި ވާހަކަތައް އިތުރަށް ކަށަވަރުކޮށްދެއްވައި މުބާރަކް ވިދާޅުވި ކަންތައްތައް ޢަމަލީގޮތުން ކުރިޔަށް ގެންދިޔުމަށްޓަކައި ފަންނީ ކޮމިޓީ ތަކެއް އެކުލަވާލެވި ވަރަށް އަވަހަށް މަސައްކަތް ފެށޭނެކަން ބަޔާން ކުރެއްވިއެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް