06 Feb 2015, 15:46
ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން މުޒާހަރާގެ ބައިވެރިއެއްގެ ގައިގައި ފުލުހަކު ފައިން ޖެހިކަމުގެ ދައުވާ ލިބޭ ފުލުސް މީހަކު ބަދު އަހުލާގީ މައްސަލައެއްގެ ހުކުމް އޭނާގެ މައްޗަށް އިއްވުމުން ފުލުހުންގެ ވަޒީފާ އިން އޭނާ ވަކިކޮށްފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ ޗީފް ސްޓޭޝަން އިންސްޕެކްޓަރުގެ މަގާމުގައި ހުރި ފ. ނިލަންދޫ ޖަނަވަރީމާގޭ، އަލީ އަހުމަދު އެވެ. އެނގިފައިވާ ގޮތުގައި އޭނާ އެންމެ ފަހުން ހުރީ ދ. އަތޮޅުގެ ކޮމާންޑަރުގެ ގޮތުގަ އެވެ. އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ އޭނާގެ މައްޗަށް ކޯޓުން ހުކުމް ކުރި ދުވަހެވެ.
އޭނަގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ ޖެނުއަރީ 10، 2012 ވަނަ ދުވަހުގެ ރޭ 11:45 ހާއިރު، ނިލަންދޫ ދަނބުގޭ ކޮޓަރިއެއްގެ ތެރޭގައި އަންހެނަކާ އެކު އޮތް ކަމަށެވެ.
ކޯޓުން އެ މައްސަލަ ބެލުމަށް ފަހު އަލީ އަހުމަދުގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށް ނިންމާ އޭނާ ވަނީ ތިން މަހަށް ގޭ ބަންދު ކުރަން ހުކުމް ކޮށްފައި އެވެ. އެހެންނަމަވެސް އެ ހުކުމް ތަންފީޒުކުރުން ތިން އަހަރަށް ފަސްކުރަން ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެހެންކަމުން، އެ ހުކުމުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކޮށްފި ނަމަ، އެ ހުކުމް މާފު ވާނެ އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ރަސްމީ އެއްވެސް ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ފުލުހުންގެ ގާނޫނުގައިވާ ގޮތުން، ޖިނާއީ ކުށެއް ސާބިތުވެ، ހުކުމް އިއްވާ ދުވަހުން ފެށިގެން ފުލުހުންގެ ވަޒީފާ އިން އެ މީހަކު ވަކިވާނެ އެވެ.