ޗައިނާ ސަރުކާރުގެ އެހީގައި ތަރައްގީ ކުރަމުން އައި ކޮލަމްބޯ ޕޯޓްގެ މަސައްކަތް އާ ސަރުކާރުން ހުއްޓުވުމަށް ފަހު، 1.34 ބިލިއަން ޑޮލަރުގެ އެ މަޝްރޫއު އަލުން ކުރިއަށް ގެންދިއުމަށް އައު ސަރުކާރުގެ ކެބިނެޓުން އިއްޔެ ނިންމައިފި އެވެ.

އެ މަޝްރޫއު ރިވައިވް ކުރުމަށް ކަމަށް ބުނެ، ޖެނުއަރީ މަހު 8 ވަނަ ދުވަހު އިންތިހާބު ކުރި ރައީސް ސިރިސޭނާގެ ސަރުކާރުން ވަނީ މަޝްރޫއު ހުއްޓުވައިފަ އެވެ. ނަމަވެސް ކަލަމްބޯ ގެޒެޓުން އިއްޔެ ބުނީ އެ ޕޯޓްގެ މަސައްކަތް ކުރާ ޗައިނާގެ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ އިން އެކަމަށް އިންކާރުކޮށް، ހުރިހާ ކަމެއް ވެސް ހުންނާނީ ކުރީގެ ސަރުކާރާ ދެެމެދު ދެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް ކަމަށް ބުނި ކަމަށެވެ.

ލަންކާގެ ހެލްތު މިނިސްޓަރު އަދި ކެބިނެޓްގެ ތަރުޖަމާނު ރަޖިތާ ސެރެނަތުނަން އާ ހަވާލާދީ އިންޑިއާގެ ދަ ހިންދޫ ނޫހުން އިއްޔެ ބުނީ އެ މަޝްރޫއާ ގުޅިގެން ހެދި އެންވަޔަރަމަންޓް އިމްޕެކްޓް އެެސެސްމެންޓުން ދައްކާ ގޮތުގައި ކޮލަމްބޯގެ ބީޗު ސަރަހައްދު ހިއްކުމުގައި ތިމާވެއްޓަށް އެއްވެސް މައްސަލައެއް ނެެތް ކަމަށެވެ. ނަމަވެސް ތަރުޖަމާނު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ތަންތަން ތަރައްގީކުރާ އިރު އިތުރަށް ބައްލަވާނެ ކަމަށާއި އެކަމަށް ވަގުތު އަދި އޮތް ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ ޗައިނާގެ ކުންފުނީގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެއްބާރުލެއްވުމެެއް ދިނުމަށް އެ ފަރާތުން ތައްޔާރަށް އޮތް ކަމަށެވެ.

ޗައިނާގެ ރައީސް ޝީ ޕިންޖިން މިދިޔަ ސެޕްޓެމްބަރު މަހު އިފްތިތާހު ކޮށްދެއްވި ލަންކާގެ ޕޯޓް މަޝްރޫއުއަކީ ޗައިނާގެ އެހީއާ އެކު ލަންކާގައި ގާއިމުކުރާ އެންމެ ބިޔަ މަޝްރޫއު އެވެ. އަދި އެ މަޝްރޫއުގެ ތެރޭގައި ކޮލަމްބޯ ކޮންޓެއިނާ ނާމިނަލެއް ވެސް ޗައިނާގެ އެހީގައި ގާއިމުކުރުން ހިމެނެ އެވެ.

ސްރީލަންކާއި ޗައިނާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ސަރަހައްދުގައި ހިއްކާ 580 އޭކަރުގެ ބިމުގެ ތިންބައިކުޅަ އެއްބަޔަކީ ޗައިނާ ކުންފުނީގެ ކޮންޓްރޯލްގައިވާ ތަންތަން ކަމަށެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ ލަންކާގެ ރައީސް ސިރިސޭނާ އިންޑިއާ އަށް ކުރައްވާ ދަތުރުފުޅަށް ފަހު އަންނަ މަހު ޗައިނާ އަށް ކުރައްވާ ދަތުރުފުޅުގައި ޗައިނާގެ ރައީސް އާ ބައްދަލުކުރައްވައި އެ މަޝްރޫއުއާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވާނެ ކަމަށެވެ.