06 Feb 2015, 14:55
ދެކުނު އޭޝިޔާ ސަރަހައްދާއި އިންޑިޔާ ކަނޑުގައި އަސްކަރީ ގޮތުން ބާރުގަދަ ކުރުމަށްޓަކައި މަތިންދާ ބޯޓު އުފުލާ މަނަވަރު ބިނާކުރުމުގައި އެމެރިކާގެ ޓެކްނޮލޮޖީ ހޯދުމަށް އިންޑިޔާ މަސައްކަތް ކުރަމުންގެންދާކަމަށް ޚަބަރު ލިބިއްޖެ އެވެ.
ޢަސްކަރީ ދިރާސާތަކާބެހޭ ބައިނަލްއަގްވާމީ ތަޖްރިބާކާރުން ބުނާގޮތުން މަތިންދާ ބޯޓު އުފުލާ މަނަވަރު ބިނާކުރުމުގައި އެމެރިކާގެ ޓެކްނޮލޮޖީ ހޯދުމުގައި އިންޑިޔާގެ މަގްސަދަކީ ދެކުނު އޭޝިޔާ ސަރަހައްދުގައި އިތުރުވަމުންދާ ކަމަށް އިންޑިޔާ ދެކޭ ޗައިނާގެ ނުފޫޒުތަކާ ކުރިމަތިލުމަށެވެ. ނަމަވެސް ހަގީގަތަށްބަލާއިރު ޗައިނާގެ ނުފޫޒާ ކުރިމަތިލުމަށް ކަމަށްބުނެ ދެކުނު އޭޝިޔާ ސަރަހައްދާއި އިންޑިޔާ ކަނޑުގައި އަސްކަރީ ގޮތުން ބާރުގަދަ ކުރުމަކީ އިންޑިޔާގެ ޖިޔޮ ސްޓްރެޓީޖިކް ބޭނުމެއް ކަމަށާއި މަތިންދާ ބޯޓު އުފުލާ މަނަވަރު ބިނާކުރުމުގެ ޓެކްނޮލޮޖީ ހޯދުމަށް އިންޑިޔާ މަސައްކަތްކުރުމުގެ ފަހަތުގައިވަނީ މި ސަބަބު ކަމަށް މިފަރާތްތަކުން ދެކެއެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދާދިފަހުން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ދެގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމާބެހޭގޮތުން އޮބާމާއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ އެއްބަސްވެ ވަޑައިގެންނެވި ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން މަތިންދާބޯޓު އުފުލާ މަނަވަރުތައް ޑިޒައިން ކުރުމާއި ބިނާކުރުމުގެ ޓެކްނޮލޮޖީއާބެހޭ ރީސާޗްތައް ދެގައުމު ގުޅިގެން ކުރުމަށްޓަކައި ކަމާބެހޭ ފަންނީ ތަޖްރިބާކާރުންގެ ޓީމެއް އެކުލަވާލުމަށް އޮބާމާއާއި މޯދީ އެއްބަސްވެ ވަޑައިގެންފައިވާކަމަށްވެސް އޮބާމާގެ ދަތުރުފުޅާ ގުޅިގެން ދެގައުމުން ނެރުނު ގުޅިފައިވާ ބަޔާން ބުނެއެވެ.
މިއީ އިންޑިޔާގެ ކަނޑުގެ ސިފައިންގެ ބާރު ގަދަކޮށްދިނުމަށްޓަކައި ޓެކްނޮލޮޖީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ ތައްޔާރަށް އޮތްކަމުގެ ހެއްކެތްކަމަށްވަނީ ބެލެވިފައެވެ.
ދެކުނު އޭޝިޔާ ސަރަހައްދުގައި ޗައިނާގެ އަސްކަރީ ބާރާއި އިގްތިސާދީ ނުފޫޒުތައް އިތުރުވަމުންދާ ކަމަށް އިންޑިޔާގެ އިތުރުން އެމެރިކާވެސް ދެކެއެވެ. މިއީ މިދެގައުމު ވަރަށް ކަންބޮޑުވެ ޖެހިލުންވާކަމެކެވެ. އަނެއްކޮޅުން މިދެ ގައުމަކީވެސް މިސަރަހައްދުގައި ބާރުގަދަ ކުރަން ބޭނުންވާ ދެގައުމެވެ.
ޗައިނާއާ އަޅާބަލާއިރު އަސްކަރީ ޓެކްނޮލޮޖީއާއި އިގްތިސާދީ އަދި އުމްރާނީ ތަރައްގީގައި އިންޑިޔާ އުޅެނީ ވަރަށް ފަހަތުގައެވެ. މި ދެދާއިރާ ތަރައްގީނުކޮށް ޗައިނާގެ ނުފޫޒުތަކާ ކުރިމަތިލުމަކީ އިންޑިޔާއަށް ފަސޭހަކަމަކަށް ނުވާނެއެވެ. ޗައިނާގެ ނުފޫޒުތަކާ ކުރިމަތިލުމަށް އިންޑިޔާގެ ކަނޑުގެ ބާރުތައް ޒަމާނާއެއްގޮތަށް ތަރައްގީކޮށްދިނުމުގައި އެހީތެރިވުމަކީ އެމެރިކާއަށްވެސް މަސްލަޙަތު ހުރިކަމެއްގެ އިތުރުން މިއީ އިންޑިޔާ މެދުވެރިކޮށް ދެކުނު އޭޝިޔާއަށް ހަންފެތުރުމަށްޓަކައި އެމެރިކާ ކުރަންބޭނުންވާ ކަމެއްކަމަށް ސްޓްރެޓީޖިކް ދިރާސާތަކާބެހޭ ތަޖްރިބާކާރުން ދެކެއެވެ.
ޒަމާނުއްސުރެ އިންޑިޔާ ބަރޯސާވަމުންދިޔައީ ރަޝިޔާގެ އަސްކަރީ ޓެކްނޮލޮޖީ އަށެވެ. އެހެންކަމުން ރަޝިޔާގެ އަސްކަރީ ޓެކްނޮލޮޖީއާ އިންޑިޔާ ދުރަށްދާގޮތަށް ނޫނީ މަތިންދާ ބޯޓު އުފުލާ މަނަވަރު ބިނާކުރުމުގެ ޓެކްނޮލޮޖީ އެމެރިކާއިން އިންޑިޔާއަށް ފޯރުކޮށްދޭނެ ކަމަކަަށް ނުބެލެވެއެވެ.
ޢަސްކަރީ ފައިޓަރޖެޓާއި ބެލަސްޓިކް މިސައިލާއި ޓޭންކްފަދަ ވަޔާއި އެއްގަމުގެ ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްގީކުރުމުގެ މަޝްރޫޢުތައް ރަޝިޔާއާ ގުޅިގެން ތަރައްގީ ކުރުމުގެ އެތަށް މަޝްރޫޢެއް އިންޑިޔާ ކުރިޔަށް ގެންދާއިރު އިންޑިޔާ އޮތީ ކައިރި މުސްތަގްބަލެއްގައި ރަޝިޔާގެ ޓެކްނޮލޮޖީއާ ދުރަށް ދެވޭފަދަ ޙާލަތެއްގައި ނޫންކަމަށްވެސް މިފަރާތްތަކުން ފާހަގަކުރެއެވެ.
އިންޑިޔާ ގެންދަނީ "އައި.އެން.އެސް ވިޝާލް" ގެ ނަމުގައި މަތިންދާބޯޓު އުފުލާ މަނަވަރެއް ތަރައްގީ ކުރަން މަސައްކަތް ކުރަމުންނެވެ. މިމަނަވަރު ތަރައްގީ ކުރުމުގައި ޓެކްނޮލޮޖީގެ ގޮތުންނާއި ފަންނީގޮތުން އެމެރިކާގެ ތަޖްރިބާއާއި އެހީ ހޯދުމަށް އިންޑިޔާ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާކަމަށް ދިފާޢީ ދިރާސާތައްކުރާ ތަޖްރިބާކާރުން ބުނެއެވެ. (ނޫސްއެޖެންސީތައް)