06 Feb 2015, 14:50
ވޮޝިންޓަން (ފެބްރުއަރީ 6): އައިއެސް އާ ދެކޮޅަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން ދެމުންގެންދާ ވައިގެ ހަމަލާތަކުގައި ވެއްޓިދާނެ ކަމަށް ބެލެވޭ މަތިންދާބޯޓުތަކުގެ ޕައިލެޓުން ސަލާމަތް ކުރުމަށް އިރާގުގެ އުތުރުގައި ބޭސްތަކެއް ގާއިމް ކުރުމުގެ މަސައްކަތް އެމެރިކާ ފަށައިފި އެވެ.
ނަންހާމަކުރަންނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި މިބޭސްތައް ގާއިމް ކުރަނީ ޕައިލެޓަކާނުލައި އުދުހޭ ޖާސޫސީ މަތިންދާބޯޓުތަކާއި މީހުން ސަލާމަތް ކުރުމަށް ބޭނުންވާ ޓީމްތަކާއި އަސްކަރީ ރެސްކިޔު މަތިންދާބޯޓުތަކާއި ވެހިކަލްތަކާވެސް އެކުގައެވެ. މިބޭސްތަކުގެ ބޭނުމަކީ އައިއެސްއާ ދެކޮޅަށްދޭ ހަމަލާތަކުގައި ވެއްޓިދާނެކަމަށް ބެލެވޭ މަތިންދާބޯޓުތަކުގެ ޕައިލެޓުން އައިއެސްގެ ހަނގުރާމަވެރިންގެ އަތްދަށުގައި އަސީރުވުމުގެ ކުރިން އެމީހުން ސަލާމަތް ކުރުންކަމަށްވެސް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
އަނެއްކޮޅުން އައިއެސް ޖަމާއަތުގެ އަމާޒުތަކަށް ހަމަލާދިނުމުގައި ހަރަކާތްތެރިވި އުރުދުންގެ މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން އެޖަމާއަތުން އަސީރެއްގެ ގޮތުގައި މިދިޔަ ޑިސެމްބަރުމަހު ހައްޔަރުކުރި ޕައިލެޓް މުޢާޛުލްކަސާސިބާ ވަނީ ދިރިހުއްޓައި އަލިފާނުން އަންދާލާފައެވެ. މިއާއެކު އައިއެސްއާ ދެކޮޅަށް ބަދަލުހިފުމުގެ ވަރުގަދަ ރޫޙެއް އުރުދުންގައި ވަނީ އުފެދިފައެވެ.
އައިއެސްގެ މި ހަރުކަށި އަދި އަނިޔާވެރި އަމަލާ ގުޅިގެން އެގައުމުގެ ވައިގެ ސިފައިން އިއްޔެވަނީ އެޖަމާއަތުގެ އަމާޒުތަކަށް ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީފައެވެ. އުރުދުންއިން ބުނީ އެގައުމުގެ ފައިޓަރ ޖެޓްތަކުން އައިއެސްގެ އެތަށް އަމާޒަކަށް ވަރަށް ވަރުގަދައަށް ބޮންއެޅުމަށްފަހު ސަލާމަތުން އެނބުރިއައިސްފައިވާ ކަމުގައެވެ.
އުރުދުންގެ މުފްތީއާއި އެގައުމުގެ ދީނީ އިލްމުވެރިން ވަނީ އައިއެސްއަކީ ޚަވާރިޖުން ކަމަށް ސިފަކުރައްވާފައެވެ. އަދި އައިއެސްގެ ޖަމާއަތް އެނބުރި އިސްލާމް ދީނަށް ރުޖޫއަވަންދެން އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރަންޖެހޭނެ ކަމަށް ވިދާޅުވެ އުރުދުންގެ ދީނީ އިލްމުވެރިންވަނީ އެޖަމާއަތާ ދެކޮޅަށް އެގައުމުގެ ސަރުކާރުންކުރާ ހަނގުރާމަ ހުއްދަކުރައްވާފައެވެ.
އައިއެސްއިން އަލިފާނަށްލައި އަންދާލި އުރުދުންގެ ޕައިލެޓް މުޢާޛުގެ އާއިލާއަށް ތަޢުޒިޔާ ރައްދު ކުރުމަށްޓަކައި އަބްދުﷲ ރަސްގެފާނުވަނީ އޭނާގެ އާއިލާގެ ގެއަށް ވަޑައިގެން އެ އާއިލާގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.
އައިއެސްއަކީ އެޖަމާއަތުގެ އަތްދަށުުގައިވާ އަސީރުން އަލިފާނުން އަންދައި ވަގަށްނަގާމީހުން ކަތިލަމުންދާ ޖަމާއަތެކެވެ. (ނޫސްއެޖެންސީތައް)