ބިޔަރު ދަޅުތަކަކާއެކު ދެމީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ 45 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ ދެމީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާލެތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ ގަލޮޅު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނަށް އެދެމީހުންގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އެމީހުން ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުގެރޭ 22:30 ހާއިރު ނޫރާނީގޯޅި ސިނަމަން ރެސްޓޯރަންޓް ކައިރިން ކަމަށެވެ.

އަދި އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށް އެދެމީހުން ގެންގުޅުނު ދަބަސްތައް ބަލައިފާސްކުރިއިރު އެ ދަބަހުން 26 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ފުލުހުންގެ ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން 21 އަހަރުގެ މިހާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންނެވެ.