ޗައިނާގައި ތަކެތި ހޯލްސޭލްކުރާ މާރުކޭޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 17 މީހުން މަރުވެއްޖެ އެވެ.

ޗައިނާގެ ދެކުނުގައި އޮންނަ ޖުއަންގްޑޮންގް ޕްރޮވިންސްގައި ހުންނަ އިމާރާތެއްގެ ހަތަރު ވަނަ ބުރީގައި އިއްޔެ ހިނގި އެ އަލިފާނުގެ ހާދިސާ ގައި މަރުވި 17 މީހުންގެ އިތުރުން ނުވަ މީހަކަށް ވަނީ އަނިޔާވެފައެވެ.

މީގެ އިތުރުން، މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން ހަތަރު މީހަކަށްވެސް އަނިޔާ ލިބިފައިވާ އިރު, އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ޗައިނާގެ ސްޓޭޓް މީޑިއާ، ޒިންހުއާއިން ބުނެއެވެ.

އެ ނޫހުން ބުނީ، ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް 270 ފަޔާ ފައިޓަރުން ހަރަކާތްތެރިވި އިރު، އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރުމަށް 18 ގަޑިއިރު ހޭދަކުރި ކަމަށެވެ.

އެ އިމާރާތުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބުން ތަހުގީގު ކުރަމުން އަންނައިރު، މާރުކޭޓުގެ ނުވަ މެނޭޖަރުން ވަނީ އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައެވެ.