ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަންނަ މަހު ޗައިނާ އަށް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި އެވެ.

ލަންކާގެ ހެލްތު މިނިސްޓަރު އަދި ކެބިނެޓް ސްޕޯކްސްޕާސަން ޑރ. ރަޖިތާ ސެނެރަތަން އާ ހަވާލާދީ ލަންކާގެ ނޫސްތަކުން އިއްޔެ ބުނީ ސިރިސޭނާގެ ދަތުރުފުޅުގައި ޗައިނާ އިން ލަންކާގައި ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން ޗައިނާގެ ރައީސްއާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ލަންކާގެ ރައީސް ޗައިނާ އަށް މި ދަތުރު ކުރައްވަނީ މި މަހު 15 ވަނަ ދުވަހު އިންޑިއާ އަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅަކަށް ފަހު އެވެ. އެއީ ސިރިސޭނާ ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ވެސްމެ އެވެ. އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީއާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ލަންކާގެ ނޫސްތަކުން ބުނެ އެވެ.