06 Feb 2015, 11:10
ގެވެށި މަސައްކަތްތެރީންގެ ގޮތުގައި ޑޮމެސްޓިކް ސާވަންޓުންނާއި ޑޮމެސްޓިކް ޑްރައިވަރުންނާއި އަދި އެޓެންޑެންޓުންގެ މަގާމަށް ބިދޭސީން ގެނައުމަށް އަލަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށް ހުށަހަޅާއިރު، ބައެއް ލިޔުންތައް ހުށަހަޅަން ނުޖެހޭ ގޮތަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ހަމަޖައްސައިފި އެވެ.
އިމިގްރޭޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެފަދަ ވަޒީފާތަކަށް ބިދޭސީން ގެންނައިރު ވަޒީފާދޭ ފަރާތުގެ ބޭންކް ސްޓޭޓްމަންޓްގެ ކޮޕީ އާއި ބިދޭސީ މީހާ ނިސްބަތްވާ ގައުމުގެ ހައިކޮމިޝަނުން އެޓެސްޓުކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ ކޮޕީ މީގެފަހުން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
އެގޮތަށް ހަމަޖައްސާފައި ވަނީ އެފަދަ ލިޔުންތައް ހޯދުމުގައްޔާއި އެޓެސްޓުކުރުމުގައި ޚިދުމަތް ހޯދަމުންދާ ފަރާތްތަކަށް ދަތިތަކާ ދިމާވާ ކަމުގެ ޝަކުވާ ލިބެމުންދާތީ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެ ލިޔުންތައް ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖެއްސިއިރު އޭގެބަދަލުގައި އެހެން ލިޔުންތަކެއް ހުށަހަޅަންޖެހޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަންކަމާ ބެހޭ މައުލޫމާތު އެ ޑިޕާޓްމަންޓުގެ ހޮޓްލައިނަށް ގުޅުއްވުމުން ލިބޭނެ ކަމަށާއި ހޮޓްލައިން ނަންބަރުތަކަކީ ކޮބައިކަން ވެބްސައިޓުން އެނގެން ހުންނާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.