ލާމަރްކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިނގަމުންދާއިރު، ސަރުކާރާއި އަތޮޅު ކައުންސިލުތަކާ ދެމެދު ހިންގަވަން ޖެހޭ މުޢާމަލާތްތައް ހިންގެވުމަށްޓަކައި، ކޮންމެ އިދާރީ ދާއިރާއެއްގައި، ޤައުމީ އިދާރާގެ އޮފީހެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ނިންމަވައި، އެކަމުގެ ތަފްޞީލު އެމަނިކުފާނު މިއަދު ހާމަކުރައްވައިފި އެވެ.

ރައީސް ނަޝީދުގެ 85 ރޭޑީއޯ ހިތާބުގައި ވާހަކަފުޅު ދައްކަވަމުން ލާމަރުކަޒީ އުޞޫލުން ހިންގުމުގެ މަސައްކަތްތައް ފެށޭއިރު ސަރުކާރުން ކަންތައްތައް ގެންދެވުމަށް ޤަޞްދު ކުރައްވާފައިވާ ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޤައުމީ އިދާރާގެ އޮފީހުގައި، އިސްބޭފުޅަކު ހުންނަވާނެ ކަމަށާއި އެބޭފުޅަކީ މުޢާމަލާތްތައް ހިންގަވައި، މަޝްވަރާތައް ކުރައްވައި ކަންކަން ފަހިކޮށްދެއްވައި، ކަންކަމަށް މަގު ދައްކަވައިދެއްވުމަށް ސީދާ ސަރުކާރު ރަމްޒު ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި މިގޮތަށް ހަމަޖެހުމުން މިހާރު ހިނގަމުންދާ ޕްރޮވިންސް އޮފީސްތައް ދެން ބަދަލުވެގެންދާނީ ގައުމީ އިދާރާތަކަށްކަން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިންތިޚާބުވެފައިވާ ކައުންސިލްތަކުންނާއި އެންމެހާ ފަރާތްތަކުން ރަށާއި އަތޮޅާއި އަދި ޤައުމުގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު އިންތިޚާބުގެ ނަތީޖާ ދައްކައިދިން ވާހަކަތަކާއި ކުރަހައިދިން މަންޒަރުތައް ސިޔާސީ ހުރިހާ ފަރާތްތަކަށް ވެސް ސާފުވާނެ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަށް ވަރަށް ފުރިހަމަ ތާއީދު ރާއްޖޭގެ ގިނަ ބަޔަކު ދެއްވި ކަމަށްށްޓަކައި ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، މިފެށޭ ހަފްތާގެ ތެރޭގައި، ރާއްޖޭގެ ފުރަތަމަ ޤައުމީ ޔުނިވަސިޓީ ރަސްމީގޮތުން ފަށައިގަނެވޭނެ ކަމުގައި ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ޔުނިވަސިޓީ ގާއިމް ކުރުމާއި ސިޓީ ކައުންސިލް ގާއިމް ކުރުމަކީ ރާއްޖެ ބަދަލުކުރުމަށާއި އިސްލާހަށް އެދޭތީއާއި ދިވެހި ދަރީންނާއި ދަރީންގެ ދަރީންގެ ކާމިޔާބަށް ސަރުކާރުން ކުރާ އުންމީދެވެ. އަދި އަޅުގަނޑުމެންނަށް މިހާރު ހިފިފައި މިހުރި ފާލުގައި ނައްޓާނުލައި ކުރިއަށް ދެވިއްޖެ ނަމަ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، މިއެދޭ އުފާވެރި ދިރިއުޅުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ލިބޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.