06 Feb 2015, 10:57
ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން (ޑަބްލިއުސީއޯ)އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން "ކާގޯ ޓާގެޓިން ސިސްޓަމް ޓްރެއިނިން" (ސީޓީއެސް) ޕްރޮގްރާމެއް ބާއްވައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ފަސްދުވަހަށް ކުރިއަށްދިޔަ އެ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ބުރާސްފަތި ދުވަހު ވަނީ، ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފައިވެއެވެ. ސެޓްފިކޭޓް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން އެމްއެންޑީއެފް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ.
ކާގޯ ޓާގެޓިން ސިސްޓަމަކީ މުދަލުގެ މައުލޫމާތު އެއްކޮށް އެނަލައިޒް ކޮށް ކަސްޓަމްސް އިން ބަލައި ފާސްކުރުމުގައި އިތުރަށް ސަމާލުވާން ޖެހޭ ޝިޕްމެންޓްތައް މުދާ އައުމުގެ ކުރިން ދެނެގަނެވޭނެގޮތަށް ޑަބްލިއުސީއޯ އިން ކަނޑައަޅާފައިވާ ސިސްޓަމްތަކެވެ. މި ސިސްޓަމްގެ ސަބަބުން އިތުރަށް ބަލަން ޖެހޭ ޝިޕްމަންޓްތަކަށް ސަމާލުކަން ލިބުމުގައި ފަސޭހަ ވާނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ރާއްޖެއަށް އެތެރެ ކުރަމުން އަންނަ މުދަލުގެ އަދަދު ދުވަހެއް ދުވަހުން އިތުރު ވަމުން އަންނަ އިރު އެކަންތައް ހައްލު ކުރުމަށް ކަސްޓަމްސް އިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސިސްޓަމްގެ ސަބަބުން ގާނޫނު ތަންފީޒުކުރާ މުއައްސަސާތައް މިހާރަށްވުރެ ގުޅިގެން މިކަންކަން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ިއިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ކްލާސްތައް ނަގައިދީފައިވަނީ ޑަބްލިއުސީއޯގެ ތަޖުރިބާކާރުންނެވެ.