06 Feb 2015, 10:53
ބުދަ ދުވަހު ވެއްޓުނު ޓައިވާންގެ ޓްރާންސް އޭޝިޔާ މަތިންދާ ބޯޓުގެ ޕައިލެޓްގެ ހަށިގަޑު ހޯދައިފި އެވެ.
މީޑިއާ ރިޕޯޓްތައް މިއަދު ބުނީ 42 އަހަރުގެ ޕައިލެޓްގެ ހަށިގަނޑު ކޮކްޕިޓުން ފެނުނު އިރު އޭނާ އޮތީ ހުންގާނުގައި ބާރަށް ބައްދައިގެން ކަމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕައިލެޓް މަސައްކަތް ކުރީ ބޯޓުގެ ކޮންޓްރޯލް ގެއްލޭކަން އެނގުމުން މީހުން ގިނަ ނޫން ތަނަކަށް ބޯޓު ވައްޓާލުމަށެވެ.
ބޯޓު ވެއްޓުނު ތަން ފެންނަ ވީޑިއޯ ފްޓޭޖުން ފެންނަ ގޮތުގައި ބޯޓު ޓޭކް އޮފް ކުރުމަށް ފަހު މައްޗަށް އަރަމުން އައިސް ތައިޕޭ ބްރިޖު ހުރަސް ކުރަނިކޮށް ބޯޓު އެއްފަރާތަށް އަރިއަޅާލާތަން ފެނެ އެވެ. އަދި ބޯޓުގެ ވާތް ފަރާތުގެ ފިޔަގަނޑު ބްރިޖުގައި ޖެހުމަށް ފަހު ބުރިޖާ ޖެހިގެން އޮތް ކޯރަށް ވެއްޓެން ދިޔަ އިރު އެ ބްރިޖު މަތީން ބޯޓު، ބުރިޖުގައި ޖެހުނު ހިސާބުން ކާރެއް ހުރަސް ކުރަނީ އެވެ.
ފަސް ފަޅުވެރިންނާއި 53 ފަސިންޖަރުންނާ އެކު ވެއްޓުނު ބޯޓުން ޕައިލެޓާ އެކު 35 މީހެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. ފަނަރަ މީހެއްގެ ފުރާނަ ސަލާމަތްވި އެވެ. އަދި ވެސް އަށް މީހަކު ނުފެނެ އެވެ.
ތައިޕޭގެ ނޫސްތަކުން ބުނީ ޕައިލެޓްގެ ހަށިގަނޑު ފެނުނު އިރު އޭނާ އޮތީ ވަރުގަދަ އަށް ހުންގާނުގައި ދެ އަތުން ހިފަހައްޓައިގެންނެވެ. އޭނާގެ ދެ ފައި ވަނީ ވަރަށް ގިނަ ތަންތަނުން ބިނދިފައި ކަމަށެވެ.
މިއަދު ވަނީ ހަތަރު މީހެއްގެ ހަށިގަނޑު ހޯދައިފަ އެވެ. އަދި މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި އަންނަނީ ކުރަމުންނެވެ. އެ ހާދިސާ އަށް ފަހު ޓްރާންސް އޭޝިޔާގެ ދަތުރުތައް ވަނީ އެއް އަހަރަށް ސަސްޕެންޑްކޮށްފަ އެވެ.
އެ އެއާލައިންގެ ބޯޓެއް މިދިޔަ ޖުލައި މަހު ވެސް ވެއްޓި 48 މީހެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ.