ބަލިހާލަތު ހުރިގޮތުން އެނދުމަތިވެފައި ތިބޭ އުމުރުންދުވަސްވީ މީހުންގެ ގާތަށް ނަރުހުން ފޮނުވައިގެން ސިއްހީ ފަރުވާދިނުމަށް ހިންގާ މަޝްރޫއު އަންނަ ހަފްތާ ތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މުޖުތަމައުގެ އަޅާލުމާއި ސިއްހީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް ފަށަން މިދިޔަ އަހަރު ރާވާފައިވާ އެ ޕްރޮގްރާމް އަންނަ ހަފްތާތެރޭގައި ފަށާނެ ކަމަށް ރައީސް އިއުލާންކުރެެއްވީ އުމުރުން ދުވަސްވެފައިވާ އިސްރަށްވެހިންނާއި ބައްދަލުކުރެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދޮށީ އުމުރުގެ ބޭފުޅުންގެ ތެރޭގައި އެދުމަތިވެފައިވާ ގިނަ ބޭފުޅުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެބަތިބި ކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، "އަންނަ ހަފްތާ ތެރޭގައި ފަަރުވާއާ ހަމައަށް އެބޭފުޅުންނަށް ވަޑައިގެންނެވޭނެ. ނޫނީ އެބޭފުޅުންނާއި ހަމައަށް ފަރުވާ އަންނާނެ،" ކަމަށެވެ.

ހިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށްދޭ އެ ހިދުމަތް ބޭނުންވެގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 40 މީހަކު ފޯމް ހުށަހަޅައިފައިވެ އެވެ. އަދި އޭގެ ތެރެއިން ނުވަ ފޯމެއް އެސެސްމަންޓް ފުރިހަމަކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕެނަލަށް ވަނީ ފޮނުވާފަ އެވެ.

ސަރުކާރުން ބުނީ، އަތޮޅުތެރޭގައި ތިބި އެނދުމަތިވެފައިވާ 65 އަހަރުން މަތީގެ ރައްޔިތުންނަށް ދެ މަސް ދުވަހުގެ ތެރޭގައި ހިދުމަތް ލިބޭނެ ނިޒާމް ހަމަޖައްސައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ހާއްސަ ޓީމެއް މަަހަކު އެއްފަހަރު ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ޒިޔާރަތްކޮށް އެރަށުގެ ދޮށީ އުމުރުގެ ރައްޔިތުންނަށް ސިއްހީ ފަރުވާދޭން ފަށާނެ ކަމަށް ބުންޏެވެ.

ރައީސް ވިދާޅުވީ، އުމުރުން ދޮށީ ރައްޔިތުންނަށް ރައްކާތެރި ފާގަތި ދިރިއުޅެމެއް ހޯދައިދިނުމަށް ހާއްސަ އުސޫލެއް ވެސް ތައްޔާރުކުރަމުންދާ ކަމަށެވެ. ސަރުކާރަށް މުހިއްމު އެ އުސޫލުގެ ދަށުން އާބާދީ ދޮށިވަމުންދާ މިންވަރާއި އެ މިންވަރުން ސަރުކާރާއި މުޖުތަމައިން އަޅާލަންޖެހޭ މިންވަރު އިނގިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ހުޅުމާލެ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއަށް އަލިއަޅުއްވާލައްވައި ރޭގެ ރަސްމިއްޔާތު ނިންމާލައްވަމުން ރައީސް ވަނީ، އަތޮޅުތެރޭގައި ތިބި ދޮށީ ރައްޔިތުން އެބޭފުޅުންގެ ދަރިންނާއި އެކު މާލެ ނުވަތަ ހުޅުމާލެއަށް ހިޖުރަ ކުރުމުގެ ފިކުރު ކޮންމެ ވެސް ހިސާބަކުން ގެންގުޅުއްވުމަށް އެދިވަޑައިގެންފަ އެވެ. އަަދި އެއީ އަތޮޅުތެރެއަށް ތަރައްގީ ގެންދަން ބޭނުން ނުވާތީ ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އުނދަގޫ ވާނެ އުމުރު ހޭދަކޮށްލި، ވަޒަންދޫކޮށް އެހެންތަނަކަށް ބަދަލުވުން. ނަމަވެސް ފަސޭހަކަމާ އަރާމާއެކު އުޅެންޖެހޭއިރު، މާލެ ނުވަތަ ހުޅުމާލެއަށް ބަދަލުވުމުގެ ރޫހެއް ގެންގުޅުއްވުމަށް އިލްތިމާސްކުރަން،" ރައީސް ވިދާޅުވި އެވެ.