06 Feb 2015, 10:03
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއަކީ އެ ގައުމުގައި ކުރިން ބަތަލެކެވެ. އެ ގައުމުގެ އުތުރުގައި ވަކި ދައުލަތެއް ގާއިމް ކުރުމަށް ތަމަޅައިން ކުރި ހަނގުރާމަ ނިންމަވާލެއްވީމަ އެވެ. ލޭ އޮހޮރުވުން ބޮޑު އެ ހަނގުރާމައަށް 26 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށެވެ. އެ ހަނގުރާމައާ ހެދި ގައުމުގެ އިގުތިސާދީ އިޖުތިމާއީ ކުރިއެރުންތައް ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި ވަނިކޮށެވެ.
ރާޖަޕަކްސާގެ ވެރިކަމުގެ ފަހު ދައުރުގައި ނުކިއްސަރު ފިޔަވަޅުތަކެއް އެޅުއްވި އެވެ. އެއްކޮޅު މީހުންނާއި އިދިކޮޅު މީހުން ވެސް އެކަން ގަބޫލުކުރެ އެވެ. ބާރުތައް ޖަމާކުރެއްވުމާއި އާއިލީ ވެރިކަމުގެ ސިފަތައް ވެރިކަމުގައި ޖެއްސެވުން އެއީ އެފަދަ ކަންތައްތަކެވެ. އެ ހުރިހާ ކަމަކާ އެކުގައި ވެސް ލަންކާގެ އިދިކޮޅު ފަރާތްތައް ތިބީ މާޔޫސްކަމެއްގަ އެވެ. ރާޖަ ޕަކްސާ ބަލިކުރުމަށް ނުކުޅެދިފަ އެވެ. އެކަމަށް ހަދާނެ ފަންޑިތައެއް ނުހޯދިފަ އެވެ.
އެހާލަތު ބަދަލުވީ ކުއްލިއަކަށެވެ. ރާޖަޕަކްސާގެ އެންމެ އަރިސް، އޭނާގެ ޕާޓީގެ އެންމެ އިސް ބޭފުޅުން ކުއްލިއަކަށް އިދިކޮޅު މީހުންނާ ގުޅުނީ އެވެ. މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އޭރު ހުންނެވި މަގާމު ދޫކޮށްލައްވައި ކުއްލިއަކަށް ނުކުންނެވީ އެވެ. އެއީ ހަމަ ރާޖަ ޕަކްސާގެ ސިޔާސަތުގެ ސަބަބުން ތަބީއީ ގޮތުން އައި ބަދަލެއް ކަމަށް ދުރުތިބީންނަށް ހީވެދާނެ އެވެ. ނަމަވެސް ލަންކާގެ ސިޔާސީ މަޝްރަހު ކައިރިން ދިރާސާ ކުރަމުން އައި މީހުންނަށް ފެނުނީ މުޅިން އެހެން ކަމެކެވެ. އަސްލު މައްސަލައަކަށްވީ ރާޖަޕަކްސާގެ ދާޚިލީ ސިޔާސަތު ނޫންކަން އެފަދަ މީހުންނަށް އެނގެ އެވެ.
ރާޖަޕަކްސާއަށް ހެއްދެވުނު އެންމެ ބޮޑު ގޯހަކީ ސަރަހައްދީ ބާރުތައް ރުއްސުމުގައި ތިލަފަތް ހަމަ ނުކުރެވުމެވެ. ސަރަހައްދީ އަދި ދުނިޔޭގެ ވެސް ބޮޑު ބާރެއް ކަމަށްވާ ޗައިނާއާ އެކު ރަހުމަތްތެރިކަމުގައި ކުޑަ ތަންކޮޅެއް ކުރިއަށް ޖެހިވަޑައިގެންނެވުނީ އެވެ. އެ ގޮތަށް ރާޖަޕަކްސާ ކަންތައްތައް ކުރެއްވީ ވެސް ގައުމުގެ ތަރައްގީ އާއި ކުރިއެރުން ހޯދުމުގެ ބޭނުމުގަ އެވެ. ޗައިނާގެ އެހީގައި ގިނަ މަޝްރޫއުތަކެއް ރާޖަޕަކްސާ ވަނީ ހިންގަވައިފަ އެވެ. އޭގެ ތެރޭގައި ކަލަމްބޯ ޕޯޓް އަޕްގްރޭޑް ކުރުމަށް ހިންގެވި އެތައް ބިލިއަން ޑޮލަރުގެ މަޝްރޫއު އާއި ހަމްބަންޓޯޓާގައި ޕޯޓަކާއި އެއާޕޯޓެއް ގާއިމު ކުރުމުގެ އިތުރުން އެއާޕޯޓުން ކަލަމްބޯ އަށް އެޅި ހައިވޭ އަކީ ޗައިނާގެ އެހީގައި ހިންގެވި ބޮޑެތި މަޝްރޫއުތަކެވެ. ކަލަމްބޯ އިން ޖެފުނާ އަށް ހައިވޭއެއް އެޅުމަށް ވެސް ވަނީ ކޮންޓްރެކްޓްގައި ސޮއިކޮށްފަ އެވެ. ނަމަވެސް އާ ސަރުކާރުން އެ މަޝްރޫއު ހުއްޓުވީ އެވެ.
ރޮއިޓާސް އިން ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ބުނެފައި ވަނީ، ރިޔާސީ އިންތިހާބަށް ސްރީލަންކާ ތައްޔާރުވަމުން އައި ދުވަސްވަރު އެގައުމުގެ ވެރިރަށް ކޮލަމްބޯގައި ހުރި އިންޑިއާގެ ޖާސޫސީ އިދާރާގެ އޮފީހެއްގެ ވެރިއަކު އެގައުމުން ފޮނުވާލި ކަމަށެވެ. އަދި ބުނީ އެވާހަކަ އިންޑިއާ ސަރުކާރުން ދޮގުކުރާ ކަމަށާއި އެހެން ނަމަވެސް ނިއުދިއްލީއާއި ކޮލަމްބޯ އިން އެތައް މަސްދަރުތަކަކުން އެކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ރޮއިޓާސްގެ ރިޕޯޓްގައި ބުނެފައި ވަނީ، އިންޑިއާގެ އެޖެންޓް ލަންކާ އިން ބޭރުކޮށްލީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ސަރުކާރުން ވަކިވެ، ރިޔާސީ ރޭހަށް ނުކުންނެވި ސިރިސޭނާގެ ގުޅިފައިވާ ކޯލިޝަންއަށް ތާއީދު ހޯދަން މަސައްކަތް ކުރިކަން އެނގިގެން ކަމަށެވެ.
އިންޑިއާގެ އެޖެންޓް ކުރިކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކުގެ ތެރޭގައި ރައީސް މަހިންދަ ރާޖަޕަކްސާއާ ވާދަކުރައްވަން އޭރުގެ އިދިކޮޅު ލީޑަރު ރަނިލް ވިކްރަމް ސިންހަ ނުކުންނަވަން ވިސްނައި ދިނުން ހިމެނެ އެވެ. އަދި އޭގެ ބަދަލުގައި ފަސޭހައިން ހޮވިވަޑައިގަންނަވާ ފަދަ ބޭފުޅެއްގެ ގޮތުގައި އޭރު ހުންނެވި މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަށް ތާއީދު ކުރެއްވުމަށް ރަނިލްއަށް ބާރު އަޅައި އެކަމުގައި ކާމިޔާބު ކުރުން ވެސް އެއީ އިންޑިއާގެ އެޖެންޓް ކުރި ކަމެއްގެ ގޮތުގައި ދެ ގައުމުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްގައި ތުހުމަތުކޮށްފައިވެ އެވެ.
ރާޖަޕަކްސަ އާއި އިންޑިއާ ސަރުކާރާ ގުޅުން ގޯސްވީ، އިންޑިއާއާ ވާދަވެރި ގައުމެއްކަމަށްވާ ޗައިނާއާ ގުޅުން ބަދަހި ކުރެއްވުމުންނެވެ. އެގޮތުން އިންޑިއާ އަށް ނާންގައި ޗައިނާގެ ދެ ސަބްމެރިންއެއް ލަންކާގައި ބަނދަރުކުރި މައްސަލާގައި އިންޑިއާ އިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެފަދަ ކަމެއް ހިނގާ ނަމަ އިންޑިއާ އަށް އެންގުމަށް އެ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއް ވެސް އޮވެ އެވެ.
ރޮއިޓާސް އިން ބުނީ ސިރިސޭނާ އިންތިހާބު ކާމިޔާބުކުރެއްވިކަން ޔަގީންވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ލަންކާގައި ހުންނަ އިންޑިއަން އެެމްބެސަޑަރު ބޮޑު މާބޮނޑިއެއް ހިފައިގެން ގޮސް، ސިރިސޭނާ އަށް މަރުހަބާކީ ކަމަށާއި ލަންކާގައި ހުންނަ ޗައިނާ ސަފީރަށް އެޕޮއިންޓްމެންޓެއް ލިބުނީ ވެސް ހަ ދުވަސް ފަހުން ކަމަށެވެ.
ދެން އޮތީ ރާއްޖޭގެ ވާހަކަ އެވެ. ޚާރިޖީ ސިޔާސަތުގައި ރާއްޖެ ބޮޑަށް ގުޅުން ރަނގަޅު ކުރާތަން ފެންނަނީ ޗައިނާއާ އެކު އެވެ. ގިނަ ސަބަބުތަކާ އެކު އެވެ. ފިނިހަކަ ދުވެލީގައި އަދި ދަމަކުކޮޅުން ބަޑިއެއް ޖަހާ އުސޫލުން މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި ގައުމުގެ އިންފްރާސްޓްރަކްޗާ ގާއިމުކޮށް، ތަރައްގީގެ ކުރިބޯށީގައި އަވަހަށް ހިފުމުގެ ބޭނުމުގަ އެވެ.
ޗައިނާ އިން ފަށާފައިވާ "ޓުވެންޓީ ފަސްޓް ސެންޗަރީ މެރިޓައިމް ސިލްކް ރޯޑް" މަޝްރޫއުގައި ރާއްޖޭން ވަނީ ސޮއިކޮށްފަ އެވެ. ރާއްޖޭގެ މައިދޮރާށި ކަމަށްވާ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން އެވަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖު އެޅުމަށް އެހީތެރިވަނީ ވެސް އެގައުމުންނެވެ. ލ. އަތޮޅުގެ މަގުތައް ތަރައްގީ ކުރަނީ ވެސް އެގައުމުންނެވެ. އެ މަޝްރޫއުތަކީ ރާއްޖޭގެ ކުރިމަގު އުޖާލާކޮށްދޭނޭ މަޝްރޫއުތަކެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު ބަދަހިވެގެން މިއައި ގުޅުމާ މެދު އިންޑިއާ އިން ނުރުހޭކަން ފާޅުގައި ހާމައެއް ނުކުރެ އެވެ. ނަމަވެސް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ފަރުދާގެ ފުރަގަހުގައި ވަރަށް ގިނަ ކަންތައްތަކެއް ވަނީ ހިނގައިފަ އެވެ.
މެރިޓައިމް ސިލްކް ރޯޑް (އެމްއާރް އެސް)ގައި ރާއްޖެ އިން ސޮއިކުރުމަށް ތައްޔާރުވީ ވަގުތު އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ޑޮވާލް ރާއްޖެއަށް ވަޑައިގެންނެވި އެވެ. މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު އޭނާ ރާއްޖެ އަށް ވަޑައިގެންނެވި ސަބަބަކާ ބެހޭ ގޮތުން ދެ ސަރުކާރުން ވެސް ފާޅުގައި މާ ގިނަ ވާހަކައެއް ނުދައްކަ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ރާއްޖެ އަށް ވަޑައިގެންނެވީ އެމްއާރްއެސްގައި ސޮއިކުރާތީ ސަރުކާރާ މަޝްވަރާކުރެއްވުމަށެވެ. އެކަމުގެ ސަބަބުން ސަރަހައްދީ ސަލާމަތަށް ވެދާނެ ގޮތްތަކާއި އެކަމުގައި އޮތް އިންޑިއާގެ ކަންބޮޑުވުން އޭނާ ވަނީ ރާއްޖޭގެ އިސްވެރިންނަށް ތަފުސީލުކޮށްދެއްވާފަ އެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކުރާއިރު ޗައިނާ އަށް ނަހަމަ ގޮތުގައި ބޭނުން ހިފިދާނެ ފަދަ އެއްވެސް ނުގުތާއެއް ނެތްކަން ކަށަވަރު ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އެކަން އެހިސާބަށް ގެންދިއުމުން ވެސް ރާއްޖޭން ވަނީ ސޮއިކޮށްފަ އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހަށް އެނބުރިލާ އިރު މިފެންނަނީ ސްރީލަންކާގެ ވެރިކަން ބަދަލުވިގޮތާ ގާތްކުރާ ކަންތައްތަކެކެވެ. ލަންކާ އިން ޗައިނާއާ ގުޅުން ރަނގަޅުކޮށް، ގައުމު ތަރައްގީ ކުރުމަށް މަސައްކަތް ކުރި ގޮތަށް ރާއްޖޭގެ ތަރައްގީ އާއި ކުރިމަގަށް ޓަކައި ޗައިނާއާ ގުޅިގެން ރާއްޖެ ތަރައްގީ ކުރުމުގެ މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ. އެކަންކަން ކުރުމަށް މަގުފަހިވާގޮތަށް ބައެއް ކަހަލަ ކޮންޓްރޯލްތައް ސަރުކާރަށް ނަގާތަން ވެސް ފެނެ އެވެ. އެކަމުގައި ސަރުކާރުން ގާނޫނު އަސާސީއާ ހިލާފުވާ ކަމަށް ވެސް ބަޔަކު ދަނީ ބުނަމުންނެވެ. "ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް" ކަމަށް ބުނެ އިދިކޮޅު ފަރާތްތައް އަންނަނީ އެއް ގަލަކަށް އަރަމުންނެވެ.
ރައީސް ޔާމީނަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިހާރު ހުންނެވީ ފާޅުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ކަމަރު ބަންނަވައިގެންނެވެ.
ގާސިމް އެގޮތަށް ނުކުމެވަޑައިގެންނެވީ އޭނާ އަށް ރިޔާސީ އިންތިހާބުގައި ކުރިމަތި ނުލެއްވޭ ފަދަ ގޮތަކަށް ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ޕީޕީއެމުން ހުށަހެޅުމުން ކަމަށް ވެދާނެ އެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެންނެވުމަށް ގަދަ މަސައްކަތް ކުރެއްވި ގާސިމް އެމްޑީޕީއާ އެއް އޮޑިއަކަށް އެރުއްވީ ކިހިނެތްކަމާ މެދު ސުވާލު އުފެދެ އެވެ. އެއީ ހަމަ އެއް މިސްރާބަކަށް ދަތުރުކުރައްވާ ދެ ބޭފުޅުންގެ ހައިސިއްޔަތުން ތަބީއީ ގޮތުން ހިނގި ކަމެއްތޯ ވެސް ސުވާލު އުފެދެ އެވެ.
އަދި ރައީސް ނަޝީދު ލީޑުކުރައްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިސްބޭފުޅުންނާއި އާއްމު މެމްބަރުން ގާސިމާ ދެމެދު 2012 ވަނަ އަހަރު އުފެދުނު ނުތަނަވަސްކަން އެހާ ފަސޭހައިން ހަމަ ފިލީތޯ ވެސް ސުވާލު އުފެދެ އެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެންނެވުމަށް ދެވަނައަށް އެންމެ އިސް ދައުރެއް އަދާކުރެއްވި ކަމަށް ބެލެވޭ، ކުރީގެ ކަމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒާއި އެމްޑީޕީ އެއް މޭޒަކަށް އައީ ހަމަ ވިސްނުން އެއް ގޮތް ވެގެންތޯ ވެސް ސުވާލު އުފެދެ އެވެ.
މިކަންތައްތައް މިއީ ފަސޭހައިން ވާނެ ކަންތައްތަކެއް ނޫނެވެ. އެއީ އިންސާނީ އާއްމު އުސޫލެއް ވެސް ނޫނެވެ. އެހެންވީމާ މި އެއް ބައިވަންތަކަމުގެ ފަހަތުގައި މެދުވެރިއެއް ހުރުމަކީ ހަމަ އެންމެ އެކަށީގެންވާ ކަމެކެވެ. އިދިކޮޅު މީހުންގެ ތެރެއިން ފޭދިގެން އަންނަނީ ވެސް އެވާހަކަ އެވެ.
ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް އަވަށްޓެރިން ވެސް ތިބީ އެއްގަލަކަށް އަރައިގެން ކަމަށް މިހާރު އެބަ ބެލެވެ އެވެ. އިންޑިއާ އާއި އިންޑިއާގެ ވިސްނުމަށް ތަބާވާ ސްރީލަންކާ ވެސް މިކަމުގައި ތިބީ އެކައްޗެއް ކިޔައިގެން ކަމަށް އަޑު އިވެ އެވެ. ދުރުގައިވާ އެމެރިކާ އިން ދެކުނު އޭޝިއާގައި ގެންގުޅޭ ސިޔާސަތަކީ އިންޑިއާގެ ސިޔާސަތުގެ ނަކަލެއް ކަމަށް ވަނީ އެނގިފަ އެވެ.
ޗައިނާގެ މަޝްރޫއުތަކުން ލަންކާ ވެސް އަދި ރާއްޖެ ވެސް "އަޅުވެތި ކުރުމަށް" މަސައްކަތް ކުރި ތަނެއް، ކުރާތަނެއް ނުފެނެ އެވެ. އެކަމަކު ދެންތިބި އަވަށް ޓެރީންގެ ކިބައިން ފެންނަނީ އެ މަންޒަރެއް ނޫނެެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތެއް ހިޔާރުކޮށްގެން ވެސް ފެންނަނީ "ބަސްއަހާ" ސަރުކާރެއް ގާއިމު ކުރެވޭނެ ގޮތަކީ ކޮބައިތޯބަލާތަނެވެ. ލަންކާ އަށް ފަހު ދެން އޮތީ ރާއްޖެ ހެއްޔެވެ؟