06 Feb 2015, 00:26
ދެހާސްއަށާރަ ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ސިޔާސީ ވާދަވެރިން މަޑުކޮށްފިނަމަ އިންސާފުވެރި އިންތިހާބެއް ނުލިބިދާނެ ކަމަށް ވިސްނެން ފަށައިފި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
"ގާނޫނު އަސާސީގެ ދިފާއުގައި" ތެދުވުމަށް އެމްޑީޕީ ޖޭޕީން އެއްބަސްވުމެއްގައި ސޮއި ކުރި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރާ ހަމައަށް ސިޔާސީ ވާދަވެރިން މަޑުކޮށްފިނަމަ އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ސާފުވާ "ކިތަންމެ ހެއްކެއް ގަރީނާއެއް" ފެންނަމުންދާ ކަމަށެވެ.
~
"މިއަދުގެ ސިޔާސީ އެއް ވިސްނުމަކީ. 2018 ގެ އިންތިހާބާ ހަމައަށް ވާދެވެރި ފަރާތްތައް މަޑުކޮށްފިނަމަ އިންސާފުވެރި އިންތިހާބެއް ދިވެހިންނަށް ނުލިބޭނެކަން ފާހަގަވާ ވިސްނުން. މި ވިސްނުމަށް ކަން ހިނގާނެކަން ސާފުވާ ކިތަންމެ ހެއްކެއް ގަރީނާއެއް ވާދަވެރި ފަރާތްތަކުން މިދަނީ ހާމަ ކުރަމުން. ރައީސް ޔާމިންގެ ވިސްނުންފުޅު ހުރީ ހުދުމުހުތާރު ވެރިކަމެއް ގާއިމް ކުރުމަށް ކަމަށް މާ ބޮޑަށް ދެކެވެން ފަށައިފި،" އެމްޑީޕީ އާއި ޖޭޕީގެ އާންމު މެމްބަރުން ބައިވެރިވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
ފެބްރުއަރީ 7، 2012، ގައި ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނި) ނެރުނު ރިޕޯޓަށް އަލިއަޅުއްވާލައްވައި ނަޝީދު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައީ ކޯލިޝަނަކުން ކަމަށާއި ކޯލިޝަން ރޫޅުމުން ސަރުކާރުގެ ސައްހަކަން ގެއްލިގެން ދިޔަ ކަމަށް ކޯނީގެ ރިޕޯޓުގައި ބުނެފައިވާ ކަމަށެވެ.
ކޯނީގެ ރިޕޯޓުގައި އެހެން ބުނެފައިވާ ކަމަށް ބުނެ، ނަޝީދު ވަނީ ރައީސް ޔާމިންގެ ސަރުކާރުގެ ކޯލިޝަނުން ޖޭޕީ ވަކިވުމުން ސަރުކާރުގެ ސައްހަކަމާމެދު ސުވާލު އުފައްދަވާފަ އެވެ.
"ސައްހަކަމެއް ނެތް ވެރިކަމަކުން ރައްޔިތުންނަށް ވާނީ ގެއްލުން. ދިވެހިންނަށް ލިބޭނީ ދެރަ. ދިވެހިރާއްޖެ ދާނީ ބިކަވަމުން،" ނަޝީދު ވިދާޅުވި އެވެ.
ކޯލިޝަންގެ ސަރުކާރު ދެމެހެއްޓުމަށް ގާނޫނު އަސާސީގައި ބާރު އަޅާފައި ނުވާ ކަމަށާއި ގާނޫނު އަސާސީ އެކަމަށް ބާރު އަޅާފައި ނުވަނީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް "ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓު" އޮޅުވާލުމުން ކަމަށް ނަޝީދު މިރޭ ވިދާޅުވި އެވެ.
"ގާނޫނު އަސާސީ އަމާޒުން ކައްސާލި އެންމެ ބޮޑު ސަބަބު ކަމަށް އަޅުގަނޑު ދެކެނީ. ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ނެގުނު ވޯޓު އޮޅުވާލައިފައިވީ ކަން. 2008 ވަނަ އަހަރު ނެގި އެ ވޯޓް، އޮޅުވާލާފައިވާކަން އެ ވޯޓުގެ ހިސާބުތަކުން މާ ސާފުކޮށް އިނގޭ. ރައްޔިތުން އެދުނީ ބަރުލަމާނީ ނިޒާމަކަށް. މާ ބާރުގަދަ ރައީސެއް ނުހުންނަ ނިޒާމަކަށް. މަޖިލީހުގައި ޕާޓީތަކުގެ އިއްތިހާދުން ވެރިކަން ހިންގަމުން ދެވޭނެ ނިޒާމަކަށް،" ނަޝީދު ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ ދަށުން ނެގި ހުރިހާ ވޯޓަކުން ނަތީޖާ ނެރުނީީ ކޯލިޝަންގެ ސަރުކާރަކަށް ކަމަށާއި ރައްޔިތުން ބޭނުންވަނީ ބަރުލަމާނީ ނިޒާމެއް ކަމަށް ވެސް ނަޝީދު މިރޭ ވިދާޅުވި އެވެ.
މިރޭގެ ޖަލްސާ ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ ގާސިމާ ދުރަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި "ފަހަތަކަށް ވެސް" ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
"އޮނަރަބަލް ގާސިމް އިބްރާހިމަށާއި ޖޭޕީގެ އެންމެހައި ބޭފުޅުންނަށް ޔަގީންކޮށް މި އަރުވަނީ ވީ ހާލުކޮޅެއްގައި ވާން އަޅުގަނޑު މި ހުރީ ތައްޔާރަށޭ. އަޅުގަނޑު މަނިކުފާނަކާ ދުރަކަށް ނުޖެހޭނަން. އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންވާނީ ގަދަ،" ނަޝީދު ވިދާޅުވި އެވެ.