06 Feb 2015, 00:27
ގައުމު އަނބުރާ އިސްލާހުގެ މަގަށް އެޅުވުމަށް "އިސް ރަށްވެހިން" މިހާރުގެ ޒުވާނުންނަށް ނަސޭހަތްތެރިވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ހިދުމަތްތެރި އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކުރައްވައި ހާލު ބައްލަވާލެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިއަދު ގައުމުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވަނީ ރަހުމާއި ހަމްދަރުދީވެ އެމީހުންނަށް އޯގާތެރި ބަޔަކު އުޅޭ މުޖުތަމައުއެއް ކަމަށެވެ. ނަމަވެސް މިހާރު މި ގައުމުން ފެންނަމުންދާ ރަހުމުކުޑަ އަމަލުތަކުގެ ސަބަބުން "ރާއްޖެ އޮތީ އެހާ ފަހުރުވެރިވާ ދަރަޖައެއްގައެއް ނޫން،" ކަމަށް ރައީސް ވިދާޅުވި އެވެ.
"ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިއަދު އަޅުނގަޑުމެންގެ އިޖްތިމާއީ ފޭރާން މި ވަނީ މަރާމާތު ނުކުރެވޭވަރަށްވުރެއް ބޮޑަށް ވީދި ކުދިކުދި ވެފައި. ފަށަން ޖެހޭނީ ސުމަކުން. މިއީ މިގައުމުގެ އިސްވެރިން ދުއް ދިވެހިރާއްޖެ އެއް ނޫން. ދޮށީ ރައްޔިތުން ދެކިވަޑައިގެން މުޖުތަމައުއެއް ނޫން،" ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވެވަޑައިގަތް ހަފްލާގައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުށުގެ މައްސަލަތައް މަދުކުރެވެމުން އަންނަ ނަމަވެސް އެކަންތައްތަކަށް ދުވަސް ނަގާނެ އެވެ. އަދި އުމުރުން ދުވަސްވެފައިވާ މީހުންނަށް ސަރުކާރުން ފޯރުކޮށްދެމުންދާ މަދު ހިދުމަތުގެ އިތުރުން، ހިތްހަމަ ޖެހިލައިގެން އުޅޭވޭނެ މުޖުތަމައު ހޯދުމަށް މިއަދުގެ ދަރިންނަށް ނަސޭހަތްތެރިވެ އެ ކުދިންގެ އުޅުން ބަދަލު ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"ދޮށީ ރައްޔިތުން ވެސް ތިބޭފުޅުންގެ އަމުރު ހިންގާ ހިސާބުގައި ނުވަތަ ނަސޭހަތްޕުޅު ގަބޫލުކުރާ ހިސާބުގައި ތިއްބެވި ޒުވާނުންނަށް ބާރު ފޯރާ ޒުވާނުންނަށް ވިސްނައިދެއްވޭތޯ ބަލާށޭ. އެއީ ޝައްކަތްނެތް ގޮތުގައި ތިބޭފުޅުން ހެޔޮ ހާލުކޮޅުގައި ތިއްބެވިހާ ހިނދަކު ތިބޭފުޅުންނަށް މަތިކުރެވިފައިވަ އަމާނާތެއް،" ރައީސް ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި އޮތް ރަހުމުކުޑަ މުޖުތަމައުއަށް ދާންޖެހުނީ ޒުވާނުންނަށް ދީނީ ތަރުބިއްޔަތު ނުލިބިގެންނެއް ނޫން ކަމަށް އިޝާރާތްކުރައްވާ އެމަނިކުފާނު ވިދާޅުވީ، އިންސާނިއްޔަތަށް ލޯބިކުރާ ކުލުނުހުރި މުޖުތަމައުއަކަށް ދިވެހި މުޖުތަމައު ބަދަލުކުރެވޭނީ ޒުވާނުންގެ ތެރެއަށް ހަމަޖެހުންތަކެއް އައިސްގެން ކަމަށެވެ. އަދި ޒުވާނުންނަށް އަމާޒުކޮށް ސަރުކާރުން ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަނީ އެބަދަލު ގެނައުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ޒުވާނުންނަށް ހަމަޖެހުން އައިސްގެން ނޫނިއްޔާ އަޅުނގަޑުމެންގެ ލޯތަކަކުން އުފާވެރި ކަރުނަ ފާއްދާލާތަނެއް ނުފެންނާނެ. ޒުވާނުންނަށް ހަމަޖެހިގެން ނޫނީ މިހާރު މިތާ ތިބި މަންމާ އިންނާއި މާމައިންނަކަށް އުފާވެރި ދިރިއުޅުމެއް ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.