06 Feb 2015, 00:22
ރިޔާސީ އިންތިހާބެއް މިއަދު ބޭއްވި ނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ޖެހިވަޑައިގަންނަވާނީ "ކުޑަކުއްޖެއްހެން ގެއަށް ވަންނަން ކަމަށް" ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާނޫނު އަސާސީ ދިފާއުގައި އެމްޑީޕީ އާއި ޖޭޕީން ގުޅިގެން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އިންތިހާބަކަށް ދިއުމަށް ރައީސް ޔާމީނަށް ގޮވާލައްވައި ގާސިމް ވިދާޅުވީ މިއަދު ޔާމީނަކަށް ތާއީދެއް ނެތްއިރު، ވެރިކަމުގައި ހުންނަވާކަށް "ގާނޫނީ ހައިސިއްޔަތެއް ނެތް" ކަމަށެވެ. އަދި ގާސިމްގެ މުދާތައް ދައުލަތައް ނެގި ނަމަވެސް އެކަމާ ޖެހިލުންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
~
"އަދިވެސް ނަގަންވީ އިނގޭތޯ، ކިތަންމެ ބައިވަރެއް ނެގިޔަސް މައްސަލައެއް ނެތް އިނގޭތޯ ވީޓީވީގައި ރޯކޮށްލިޔަސް އަދި އެހެން ކަންކަން ކުރާނެކަން ވެސް އެނގޭ އެކަންކަން ކުރައްވާށޭ މިވިދާޅުވަނީ، އެކަމަކު ދައްނަވަންތޯ ވޯޓަކަށް ވަޑައިގަންނަވަިއފިނަމަ މަނިކުފާނަކަށް ލިބިވަޑައި ނުގަންނަވާނެ އިނގޭތޯ، ރައީސް ޔާމީން ޖެހޭނީ ކުޑަކުއްޖެއްގެން ގެއަށް ވަންނަން އިނގޭތޯ" ގާސިމް ވިދާޅުވިއެވެ.
އެއްބަސްވުންތަކަކަށްފަހު ދީފައިވާ ފަޅުތަކާއި ރަށްތަކެއް މިއަދު އެގުރިމެންޓު ބާތިލް ކޮށްފީމޭ ބުނުމަކީ "ބަތްކައްކާ ކުދިންކައިރި ދައްކާކާ ވާހަކަ" ކަމަށާއި މުދާ ނެގިޔަސް ތިއްބަވާނީ ރައްޔިތުންނާއެކު ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ހުރިހާ އެއްޗެއް ނެގިޔަސް، އަޅުގަނޑުގެ ހުރިހާ މުދަލެއް ނެގިޔަސް އަޅުގަނޑު ބަޑިޖަހައި މަރާލިޔަސް އަޅުގަނޑު މިހުރީ ދިވެހި ރައްޔިތުންނާއެކު އިނގޭތޯ،" ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާން ވިދާޅުވީ މިސަރުކާރަކީ ޖުމްހޫރީ ޕާޓީގެ ހިއްސާއާއެކު އައިސްފައިވާ ސަރުކާރެއް ކަމަށެވެ.
ރައީސް ޔާމީނަކީ އެމަނިކުފާނު ދަންނަ ބޭފުޅެއް ކަމަށާއި ރައީސް ޔާމީނަށް ތާއީދެއް ނުކުރާކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ކޯލިޝަންގައި ބައިވެރިވީ ސިފައިންނާއި ފުލުހުންގެ އިތުރުން ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން އެދުމުގެ މަތިން ކަމަށެވެ.
ދިވެހިރާއްޖެ ހިމާޔަތް ކުރުމަކީ ސިފައިންނާއި ފުލުހުންގެ އިތުރުން ފަނޑިޔާރުންގެވެސް ވާޖިބެއް ކަމަށާއި މިއަދު މިގައުމު ދަނީ ހަމަޔަކަށް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއްކަމަށް ތަކުރާރު ކުރައްވައި ގާސިމް ވިދާޅުވީ އެއް މައްސަލައެއްގައި ނަޝީދުގެ މައްޗަށް ދައުވާކޮށް އެމައްސަލާގައި ހިމެނޭ މޫސާ އަލީ ޖަލީލަށް ޑިފެންސް މިނިސްޓަރުކަން ދެއްވުމުން "ދޭތި ދިމާނުވާ" ކަމަށެވެ. އެވާހަކަ ދެންނެވުމުން ޕުރޮސިކިއުޓާ ޖެނެރަލް ދައުވާއެއް ކުރައްވާނަމަ ޝަރީއަތައް ތައްޔާރުކަމަށްވެސް ގާސިމް ވިދާޅުވިއެވެ.