05 Feb 2015, 23:01
ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީ-ޖޭޕީން އެއްބަސްވުމެއްގައި ސޮއި ކުރި ޖަލްސާ ލައިވް ކުރަން ތައްޔާރުވެފައި ވަނިކޮށް، ވީޓީވީ އިން ލައިވް ކުރުމަށް ބޭނުން ކުރާ ކޭބަލްތަކެއް ބުރިކޮށްލައިފި އެވެ.
ވީޓީވީގެ ޓެކްނީޝަނަކު "ސަން"އަށް މިރޭ ބުނީ ކޭބަލްތައް ބުރިކޮށްލާފައި ވަނީ މިރޭ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ ގުޅިގެން ބާއްވާ ޖަލްސާ އެ ޓީވީއިން ލައިވް ކުރަން ނިންމާފައިވަނިކޮށް ޖަލްސާ ފެށެން ކުޑަ އިރުކޮޅެއް ވެފައި ވަނިކޮށް ކަމަށެވެ.
ކާނިވަލުގައި ކުރިއަށްދާ ޖަލްސާ ލައިވް ކުރަން ތައްޔާރުވެފައި ވަނިކޮށް ކޭބަލްތައް ބުރިކޮށްލީ ބޮޑުތަކުރުފާނު މަގު އެމްޓީސީސީ އިމާރާތް ކައިރީގައި ބަހައްޓާފައި ހުރި ވީޓީވީގެ ފޮއްޓަކުންނެވެ.
"އެއީ ލައިވް ކުރާ ކޭބަލް ފޮއްޓެއް، އެމްޓީސީސީ ކައިރި އިންނަ ފޮއްޓެއް އެއީ، ކޭބަލްތައް ބުރިކޮށް ޕެޓުރޯލް އަޅާފައި ހުރީ ވެސް" ވީޓީވީގެ ޓެކްނީޝަނަކު ބުންޏެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ވީޓީވީން ޖަލްސާ ލައިވް ކުރަމުންދަނީ އެހެން ވަސީލަތްތަކެއް ބޭނުން ކޮށްގެން ކަމަށެވެ.