05 Feb 2015, 22:51
ޒަހަމްތަކާ އެކު ވ. ރަކީދޫގައި މަރުވެފައި އޮއްވައި ފެނުނު މުހައްމަދު އިބްތިހާލުގެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ އެ މިނިސްޓްރީގެ މުވައްޒަފު ވަނީ އެ މައްސަލަ ބަލަން ފެށި ހިސާބުން ވެސް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ސަސްޕެންޑްކޮށްފައި ވަނީ މައްސަލަ ބައްލަވާތީ ކަމަށާއި ނަމަވެސް އެ މައްސަލައިގެ ރިޕޯޓް އަންނަ އާދީއްތަ ދުވަހު ނިމޭނެ ކަމަށެވެ.
ސަސްޕެންޑް ކުރީ ކޮން މުވައްޒަފެއް ކަމެއް އެ އޮފިޝަލް ވިދާޅެއް ނުވެ އެވެ. އަދި ވިދާޅުވީ އެ ހުރިހާ ތަފްސީލެއް ލިބެނީ އާދިއްްތަ ދުވަހު ކަމަށެވެ.
އުމުރުން ތިން އަހަރުގެ އިބްތިހާލުގެ މަރުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަ އާފިއާ މުހައްމަދު ވަނީ ހައްޔަރުކޮށްފަ އެވެ.
އެޓާނީ ޖެނެރަލް އަދި ޖެންޑާ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު އަނިލް ވިދާޅުވި ގޮތުގައި އިބްތިހާލަށް އަނިޔާ ކުރާ ކަމުގެ ޝަކުވާ ލިބުމާ ގުޅިގެން އެ މިނިސްޓްރީގެ ޓީމެއް ރަކީދު އަށް ދިޔަ އިރު، އިބްތިހާލް އުޅުނީ ތިމާގެ މީހެއްގެ ގޭގަ އެވެ.