ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ށ. ކަނޑިތީމުގައި ގާއިމްކުރާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ކަނޑިތީމުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހީމް އާއި އެމްޑަބްލިއުއެސްސީގެ އިސް ވެރިންގެ އިތުރުން ށ. އަތޮޅު ކައުންސިލާއި ކަނޑިތީމު ކައުންސިލްގެ އިސްވެރިންނެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދަނީ މާލޭ ވޯޓާ ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ.

އެ މަޝްރޫގެ ދަށުން ކަނޑިތީމުގައި ނަރުދަމާ ހޮޅި އެޅުމާއި ސްވޭޖް ޕަމްޕް ސްޓޭޝަންތައް ބަހައްޓައި އައުޓްފޯލް ސިސްޓަމް އެއް ގާއިމްކުރާނެ އެވެ. ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 40.9 މިލިއަން ދިވެހި ރުފިޔާ އެވެ.

ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންނަށް ބޭނުންވާ އެފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި، މިއަދު ފެށި މަސައްކަތް ނިމުމާއެކު ކަނޑިތީމުގެ ރައްޔިތުންގެ އުންމީދަށް ވެސް ނިމުމެއް އައީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރަށެއް ތަރައްގީވެގެން އަންނަ އިރު ބޭނުންވާ ވަރަށްގިނަ އަސާސީ ބޭނުންތައް ހުންނާނެ ކަމަށާއި އޭގެ ތެރެއިން އެންމެ މުހިންމު އެއްކަަމަކީ ފެނާއި ނަރުދަމާ ކަމަށެވެ. އަދި ބަނދަރާއި އެނޫން ވެސް އަސާސީ ޚިދުމަތްތައް ރައްޔިިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރު ދެމިތިބޭނެ ކަމަށެވެ. އަދި އެ މަސައްކަތްތަކުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ކަނޑިތީމުގައި ގާއިމްކުރާ ނަރުދަމާ މަޝްރޫގެ މަސައްކަތް ނިންމުމަށް އަމާޒުކޮށްފައި ވަނީ މިއަހަރު މެއި މަހުގެ ނިޔަލަށެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ އިއްޔެ ހއ. ތުރާކުނުގައި ވެސް ނަރުދަމާގެ މަސައްކަތް ރަސްމީކޮށް ފަށާފަ އެވެ.