05 Feb 2015, 21:55
އިންތިހާބުތަކަށް ކުރިމަތިލުމަށް ފުރުސަތު ގެއްލުވާލުމަށް ކުރަންމުންދާ ކަންކަން ހުއްޓުވުމަށް ޝަރުތުކޮށް "ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް" އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ވަގުތު ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގައި އެމްޑީޕީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ޕާޓިގެ ރައީސް މުހައްމަދު ނަޝީދެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ. ހެކިންނަށް ތިއްބެވީ ޖޭޕީގެ ނައިބް ލީޑަރު އަމީން އިބްރާހިމް އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުއެވެ.
އެއެއްބަސްވުމުގައި ބުނާގޮތުން ޕާޓީތަކުން އިންތިހާބްތަކަށް ކުރިމަތިލާ ފަރާތްތަކަށް އިންތިހާބުތަކަށް ކުރިމަތިލުމަށް ފުރުސަތު ގެއްލުވާލުމަށް ކުރަންމުންދާ ކަންކަން ހުއްޓުވުމަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަން ޖެހެއެވެ. ހަމައެހެންމެ ގާނޫނާއި ހިލާފަށް މަޖިލިހުގެ ތެރެއިންނާއި ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓުވުމަށް އެކުގައި، ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުން ހިމެނެއެވެ. ހަމައެއާއާކު އެކިއެކި ފަރާތްތަކަށް ސަރުކާރުން ބިރުދެއްކުމަށް ކުރާކަންކަން ބެލުން ހިމެނޭކަމަށް އެއެއްބަސްވުމުގައި ބުނެފައިވެއެވެ.
މަތީގައި ބުނެފައިވާ ކަންކަން ކުރުމަށް ދެޕާޓީގެ އިސްވެރިން ހިމެނޭގޮތަށް އިންޓަޕާޓީ ކޮމިޝަންގެ ނަމުގައި ޖޮއިންޓް ކޮމިޝަނެއް އުފެއްދު އިންޓަޕާޓީ ޕާލަމެންޓުރީ ގުރޫޕެއް އުފެއްދުމަށާއި އެކަން 10 ދުވަހުގެ ތެރޭގައި ކުރުމަށް އެއެއްބަސްވުމުގައި ހިމަނާފައިވެއެވެ. އެއެއްބަސްވުމުގައި ބުނާގޮތުން އިތުރު ޕާޓީތައް ހިމެނުމަށް މަސައްކަތް ކުރަންޖެހެއެވެ. ހަމައެހެންމެ އެއެއްބަސްވުމަށް ބަދަލު ގެނެވޭނީ އެއްބަސްވެފައިވާ ޕާޓީތަކުން ގުޅިގެން ސޮއިކުރުމަށްފަހު ކަމަށްވެސް ބުނެފައިވެއެވެ.