ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް "ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ބޮޑެތި އިނާޔަތްތައް ދީފައިވާ" ރަށްތަކާއެކު ރިސޯޓު ނަހަދައި ހުރި ރަށްތަކުގެ އެގްރިމެންޓް ސަރުކާރުން މިއަދު ބާތިލްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ރިސޯޓުތަކުގެ އެގްރިމެންޓު ބާތިލް ކުރީ 2004 ވަނަ އަހަރުން ފެށިގެން ރިސޯޓުތަކަކާއި ހޮޓާ ފަދަ ތަންތަނަށް ތަރައްގީ ކުރުމަށް ދޫކޮށްފައިވީ ނަމަވެސް އެތަންތަން ނިންމުމަށް ދީފައިހުރި މުއްދަތު އެތައް ފަހަރެއްގެ މަތިން އިތުރުކޮށް ބޮޑެތި އިނާއަތްތަކެއް ދިނުމުން ވެސް އެތަންތަން ހަދާފައި ނުވުމުންނެވެ. އެތަންތަނުގެ އަމަލީ މަސައްކަތް ކޮށްފައި ނުވުމާއި ކޮންސެޝަންތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ނިންމާފައި ނުވުން ވެސް އެގްރިމެންޓުތައް ބާތިލް ކުރި ސަބަބުތައް ކަމުގެ ތެރޭގައި ހިމެނޭ ކަމަށް އެ މިނިސްޓުރީން ބުންޏެވެ.

އެގްރިމެންޓު ބާތިލްކޮށްފައިވާ ރަށްތަކުގެ ތެރޭގައި ތ. ކަޅުފަހަލަފުއްޓާއި ނ. ރާފުށީގެ އިތުރުން ހދ. ހޮނޑާފުއްޓާއި ގއ. ކޮނޑޭމަތީލާބަދޫ އާއި ގއ. ވޮޑަމުލާ އާއި ހދ. ކުޑަމުރައިދޫގެ އިތުރުން ބ. މުތާފުއްށި ހިމެނެ އެވެ.

ސަރުކާރުން ހަދާފައިވާ އެގްރީމެންޓުތަކުގެ ދަށުން ބޮޑެތި އިނާޔަތްތައް ދީފައިވާ ރަށްރަށާއި ފަޅު ކުއްޔަން ދީފައިވާ ފަރާތްތަކުން އެގްރިމެންޓާއި ހިލާފުވެފައިކަމަށް ބުނެ ވަނީ ހަ ރަށެއް ގެ އެގްރިމެންޓު ބާތިލްކޮށްފައި ކަމަށް އެ މިނިސްޓުރީއިން ބުނެ އެވެ. އޭގެ ތެރޭގައި ތ. އެލާ އާއި، ރ. މާނެންފުށީގެ އިތުރުން ގދ. ގަޒީރާ އާއި، ކ. މާދިއްގަރުފަޅާއި ކ. ބޮލިދުއްފަރުފަރާއި ކ. ވާވެއްދިފަޅާއި އެފަޅުތަކާއެކު ކުއްޔަން ދީފައިވާ ފަޅުތައް ހިމެނެ އެވެ.

ޓޫރިސްޓި ރިސޯޓްގޮތުގައި ހިންގުމަށް ދީފައިވާ ރަށްތަކުގެ ތެރެއިން ކުއްޔާއި ޖޫރިމަނާ މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ދައްކަން ވެސް ބައެއް ރަށްތަކަށް ވަނީ އަންގާފައެވެ. އެފައިސާ ނުދައްކާނަމަ އެރަށްތައް ސަރުކާރަށް ނަގަން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓުރީއިން ބުނެއެވެ. އެރަށްތަކަކީ ފ.ފިލިތެޔޮ އާއިމ. މެދުފުށީގެ އިތުރުން ނ.ކުޑަފުނަފަރާއި އދ.ކުޑަރަށާއި ހއ. އަލިދޫ އާއި ހއ.ބީނާފުށީގެ އިތުރުން އއ. މަޑޫގަލަ އާއި ޅ.ކަނިފުއްޓާއި އއ. ވެލިދޫ އާއި ބ. ކީހާދުއްފަރެވެ.