05 Feb 2015, 20:53
ރެޑް ބުލް ޕޭޕަރ ވިންގްސް މުބާރާތް، ނުވަތަ ކަރުދާސް ރޮކެޓު އެއްލުމުގެ މުބާރާތުގެ ވޯލްޑް ޗެންޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގައި ކޮލިފައިންގް ރައުންޑެއް ބާއްވަން ރެޑް ބުލް އިން ނިންމައިފިއެވެ.
ރާއްޖޭގައި ބާއްވާ ކޮލިފައިންގް ރައުންޑް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ 27 އަދި 28 ވަނަ ދުވަހު ނެޝަނަލް އާޓް ގެލެރީގައެވެ. ރެޑް ބުލް ޕޭޕަރ ވިންގްސްގެ ރާއްޖޭގެ ކޮލިފައިންގް ރައުންޑުން ޗެންޕިއަންކަން ހޯދާ ފަރާތަށް އޮސްޓްރިއާގެ ސަލްސްބާގްގައި ބާއްވާ ރެޑް ބުލް ޕޭޕަރ ވިންގްސްގެ ވޯލްޑް ޗެންޕިއަންޝިޕްގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
ރެޑް ބުލް ޕޭޕަރ ވިންގްސް މުބާރާތުގައި ވަނީ ތިން ކެޓަގަރީއަކުން ޖަޖު ކުރަން ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ ދުރަށް ދަތުރު ކުރާ ކެޓަގަރީ އާއި އެންމެ ގިނައިރު ނުވެއްޓި ހިފައްޓާ ކެޓަގަރީގެ އިތުރުން އެންމެ އާދަޔާ ހިލާފު ގޮތަކަށް ވައިގައި ދަތުރުކުރާ ކެޓަގަރީއެވެ.
ފުރަތަމަ ދެ ކެޓަގަރީގައި ވާދަ ކުރާ ފަރާތްތަކުން ރޮކެޓު ހަދަން ޖެހެނީ އެންމެ ކަރުދާހަކުންނެވެ. އަދި ތިންވަނަ ކެޓަގަރީގައި އެ ޝަރުތު ހިމެނިފައި ނުވާއިރު، އެ ކެޓަގަރީން ޖަޖު ކުރެވޭނީ ރޮކެޓު ހަދާ ގޮތަށާއި، ކްރިއޭޓިވިޓީގެ އިތުރުން އެ ރޮކެޓު އުދުހޭ ގޮތަށް ބެލުމަށް ފަހު އެވެ.
އެ މުބާރާތުގައި ބައިވެރިވާ ފަރާތަކަށް މުބާރާތުގެ ތިން ކެޓަގަރީންވެސް ވާދަކުރެވެން އޮވެއެވެ.