ބިދޭސީން މަސައްކަތު ގެނައުމަށް ކޯޓާއާއި އެންޕްލޯއިމަންޓް އެޕްރޫވަލް ފަދަ ޚިދުމަތްތަކަށް އެޕްލިކޭޝަން ހުށަހަޅާ ގަޑިއަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބަދަލުގެނެސްފިއެވެ.

އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ދެމުންގެންދާ އެ ޚިދުމަތްތަކަށް އެޕްލިކޭޝަން ހުށަހެޅުއްވޭނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 3:00 އަށް ކަމުގައި ހަމަޖައްސައި އެކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރާ ކަމަށެވެ.

އެ ސިސްޓަމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭ ގަޑިއަށް މިގެނެވުނު ބަދަލާ ގުޅިގެން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ. އަދި އެފަދަ ކަންތައްތަކުގައި ޚިދުމަތް ހޯއްދަވާ ފަރާތްތަކުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.

އޮންލައިންކޮށް ޚިދުމަތްދޭ ގަޑިތަކަށް މިއަދު ބަދަލުނެގެސްފައިވާއިރު، މީގެކުރިން އެ ޚިދުމަތް ދެމުން ގޮސްފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.