05 Feb 2015, 16:28
ރާއްޖެއަށް ގެނައުމަށް ތަރުކާރީއާއި މޭވާ ހިފައިގެން ދަތުރުކުރަނިކޮށް ހާލުގައި ޖެހުނު އިންޑިއާގެ ބޯޓެއް އިންޑިއާ ކޯސްޓްގާޑުން ސަލާމަތްކޮށްފި އެވެ.
ދަ ހިންދޫ ނޫހުން ބުނީ ކެރެލާ ސްޓޭޓްގެ ވިޒިންޖަމް ނަމަކަށްކިޔާ ރަށުން ފުރައިގެން ރާއްޖެ އަށް ދަތުރުކުރި އެމްވީ މިންނަތު ނަމަކަށް ކިޔާ ބޯޓް ސަލާމަތްކުރީ އެބޯޓަށް ދިޔަވެ، އިންޖީނު ހުއްޓިފައި ވަނިކޮށް ކަމަށެވެ. އަދި ބުނީ ބޯޓު ސަލާމަތް ކުރެވުނީ އިންޑިއާ ކޯސްޓްގާޑުން ގެންދިޔަ ޑައިވަރުންގެ މަސައްކަތުން ކަމަށެވެ. އެގޮތުން ބޯޓަށް ދިޔަވަމުން ދިޔަ ތަންތަން ޑައިވަރުން ބެއްދި ކަމަށް ވެސް ބުންޏެވެ.
ހާލުގައި ޖެހުނު ބޯޓުގައި ތިބީ ދިވެއްސަކާއި އިންޑިއާގެ 12 މީހުންނެވެ. އެބޯޓަކީ އިންޑިއާގެ ފައިނެސް ޝިޕިން ލައިން ނަމަކަށް ކިޔާ ކުންފުންޏަކުން ދުއްވާ ބޯޓެކެވެ.
އެމްވީ މިންނަތަކީ 300 ޓަނުގެ މުދާ އުފުލޭ ބޯޓެއް ކަމަށް ވިޔަސް ބޯޓް ހާލުގައި ޖެހުނު އިރު އޭގައި ހުރީ 196 ޓަނުގެ މުދަލެވެ. އެ މުދަލުގެ ތެރޭގައި ގިނައިން ހުރީ ދޮންކޭލާއި ކަރައެވެ. ރޭ ދަންވަރު ހިނގި އެހާދިސާ އަށް ފަހު ބޯޓު ވިޒިންޖަމް ބަނދަރަށް ގެންދިއުމަށް މަސައްކަތް ފަށާފައިވާ ކަމަށް ހަބުރުގައިވެ އެވެ.